ރެއާލް މެޑްރިޑް އެނބުރި އަންނާނެ: ރޮނާލްޑޯ
ރެއާލް މެޑްރިޑް އެނބުރި އަންނާނެ: ރޮނާލްޑޯ

މެޑްރިޑް (ސެޕްޓެމްބަރު 23) – ރެއާލް މެޑްރިޑުގެ ދަށްވެފައިވާ ފޯމުން އެ ޓީމު އަރައިގަންނާނެ ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯއާ އެކު މެޑްރިޑަށް ކުޅުނު ފްރާންސުގެ ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅޭ މެޑްރިޑް މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އަނެއް ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ރެއާލް ލީގުގެ ހަތް ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް ބާސެލޯނާއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"މިދިޔަ ސީޒަނުގައި ވެސް މިފަދަ ގޮތެއްވި ރެއާލް މެޑްރިޑަށް. އެކަމަކު އެންމެ ފަހުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި. ޓީމުގެ ފެންވަރާއި ފަންވަރާއި މެދު އެއްވެސް ސުވާލެއް ނެތް. އެ ޓީމުގެ ރަނގަޅު ނަތީޖާތައް އެނބުރި އަންނާނެ. އަދި އަހަރެމެން ހަނދާންކުރަން ޖެހޭނެ މިއީ ސީޒަނުގެ ވަރަށް ކުރީކޮޅުކަން،" ރޮނާލްޑޯ ބުންޏެވެ.

މެޑްރިޑަށް 2002 އިން 2007 އަށް ކުޅުނު ރޮނާލްޑޯ ވަނީ އެ ޓީމަށް 177 މެޗުން 104 ގޯލް ޖަހައިފީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނުގެ މިހާތަނަށް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ރެއާލަށް މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން އާ ސީޒަނެއްގައި ލީގުގައި ފުރަތަމަ ތިން މެޗުން ރެއާލް އަމިއްލަ ދަނޑުގައި މޮޅެއް ނުހޯދި ދިޔައީ މީގެ 20 އަހަރު ކުރިންނެވެ.