24 ސެޕްޓެމްބަރ 2017 - 06:06

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ ސްޓާ ޕްލަސްގެ ޑާންސް ޝޯ "ޑާންސް ޕްލަސް 3" ނިންމުމުގެ ރަސްމިއްޔާތުގައި އޭނާ ވަނީ ވަރަށް ޚާއްސަ ފިލްމެއް އިއުލާން ކޮށްފަ އެވެ.
މުމްބާއި މިރާ ނޫހުގައިވާ ގޮތުން މި ރަސްމިއްޔާތުގައި ރޭމީ އިއުލާން ކުރީ އޭނާ ޑައިރެކްޓްކުރަމުން އަންނަ ވަރަށް ކާމިޔާބު ފިލްމު ފްރެންޗައިޒެއް ކަމަށްވާ "އޭބީސީޑީ"ގެ ތިން ވަނަ ފިލްމެވެ. އަދި އެ ފިލްމުގެ ބަތަލަކީ ވަރުން ދަވަން ކަން ވެސް ރޭމޯ ވަނީ މި އިވެންޓުގައި އިއުލާން ކޮށްފަ އެވެ.
އިއްތިފާގުން "ޑާންސް ޕްލަސް 3"ގެ ގްރޭންޑް ފިނާލޭގައި ވަރުން ވެސް ބައިވެރިވި އެވެ. ވަރުން ބައިވެރިވީ އޭނާގެ އަލަށް ރިލީޒްވާން ތައްޔާރުވަމުންދާ ފިލްމު "ޖުޅްވާ 2" ޕްރޮމޯޓްކުރުމުގެ ގޮތުންނެވެ. އެހެންވެ ކުއްލިއަކަށް ރޭމޯ ފިލްމު އިއުލާންކުރުމުން ވަރުން އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.
"އޭބީސީޑީ 3" ގައި އޭނާ ބައިވެރިކުރާނީ "އޭބީސީޑީ 2"ގެ ވެސް ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ކަމަށް ކުރިން ވެސް ރޭމޯ ވަނީ އިޝާރާތެއް ދީފަ އެވެ. ނަމަވެސް އެ ރޭ އޭނާ އިއުލާންކުރީ ހަމައެކަނި ވަރުންގެ ނަމެވެ.
ރޭމޯ އިއުލާން ކުރި ގޮތުގައި "އޭބީސީޑީ 3"ގެ މަސައްކަތް އޭނާ ފަށާނީ ސަލްމާން ޚާނާ އެކު އުފައްދާ "ރޭސް 3"ގެ މަސައްކަތް ނިންމުމަށް ފަހުގަ އެވެ. އަދި ފިލްމުގައި އޭނާގެ "ޑާންސް ޕްލަސް 3"ގެ ބައިވެރިން ކަމަށްވާ ރާގަވް އާއި ދަރްމޭޝް އަދި ޕުނީތު ވެސް މުހިއްމު ރޯލުތަކެއް ކުޅޭނެކަން ވެސް ރޭމޯ ވަނީ އިއުލާން ކޮށްފަ އެވެ.