25 ސެޕްޓެމްބަރ 2017 - 06:10

އެކްޓަރު ރާޖްކުމާރު ރާއޯގެ އާ ފިލްމު "ނިއުޓަން" އަކީ މަޝްހޫރު އެކަޑަމީ އެވޯޑަށް 2018 ވަނަ އަހަރު އިންޑިއާ އިން ރަސްމީކޮށް ހުށަހަޅާ ފިލްމުކަން ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.
އޭނާގެ ފިލްމު އޮސްކާއަށް ފޮނުވާތީ އުފަލުން ހުރި ރާޖްކުމާރު، 33، ބުނީ އޭނާ އުންމީދުކުރަނީ މި ފިލްމުގެ ސަބަބުން އޭނާގެ ނަން މުޅި ދުނިޔެއަށް ވިދާލައި އެންމެންނަށް ވެސް އޭނާއަކީ ކާކުކަން އެނގުމަށެވެ.
ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ހުނަރުވެރި އެކްޓަރު ބުނި ގޮތުގައި ކޮންމެ ފިލްމެއްގައި ވެސް ތަފާތު ކަމެއް ކުރެވޭތޯ އޭނާ މަސައްކަތް ކުރެ އެވެ. އަދި ކޮންމެ ފިލްމަކާއެކު އެކްޓަރެއްގެ ގޮތުން އޭނާ އިތުރަށް ކުރިއަރާތޯ ވަރަށް މަސައްކަތް ކުރެ އެވެ.
ޕީޓީއައި އަށް ރާޖްކުމާރު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި "ނިއުޓަން" އަކީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު ފިލްމެވެ.
"އަހަރެމެންގެ އުފާވެރިކަން މިހާރު ވަނީ ދެ ގުނަ އިތުރުވެފައި. ސަބަބަކީ ބެލުންތެރިން ފިލްމަށް ދެމުންދާ ތަރުހީބުންނާއި ފިލްމު އޮސްކާއަށް ފޮނުވަން ހަމަޖެހުނީތީ. އަހަރެން މިހާރު މިއުޅެނީ ތަހުނިޔާކިޔަން ގުޅާ މީހުންގެ ފޯނު ކޯލުތަކަށް ޖަވާބުދިނުމުގައި ވަރަށް އަވަދިނެތި،" ރާޖްކުމާރު ބުންޏެވެ.
"ނިއުޓަން" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ. އަދި އުންމީދުކުރި ވަރުގެ ތަރުހީބެއް ފިލްމަށް ލިބެމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
ރާޖްކުމާރު ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވަނީ އައިޝްވަރިޔާ ރާއީ އާއި އަނިލް ކަޕޫރާއެކު ކުޅޭ "ފެނީ ޚާން" އެވެ.