23 ސެޕްޓެމްބަރ 2017 - 08:35

އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އިއްޔެ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން 14-0 އިން ތަޖިކިސްތާން މޮޅުވެއްޖެ އެވެ.
މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ކުޅޭ ރާއްޖެ ޓީމު ކުޅުނު ފުރަތަމަ މެޗުން އޮމާން އަތުން ބަލިވީ 8-0 އިންނެވެ. ދެ ވަނަ މެޗުން ތަޖިކިސްތާނު އަތުން ބޮޑު ތަފާތަކުން ބަލިވުމާ އެކު ކޮލިފައިވުމުގެ ފުރުސަތު މި ވަނީ ގެއްލިފަ އެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ތަޖިކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހައިފަ އެވެ. ބާކީ އަށް ލަނޑު ޖެހީ ދެ ވަނަ ހާފްގަ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. ސީރިއާ ވެސް ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. ތަޖިކިސްތާން އަތުން 2-0 އިން ބަލިވިއިރު، އޮމާނުން ވަނީ ސީރިއާ ކޮޅަށް ހަ ގޯލު ޖަހައިފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ފަހަރު ވެސް ރާއްޖެ ނިންމާލި ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮވެގެންނެވެ.
ބޫޓާނުގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ ކުޅުނު މެޗުން ވަނީ 2-0 އިން ނޭޕާލް އަތުން ބަލިވެފަ އެވެ. މިއާ އެކު މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ އަތްދަށުވީ 2-0 އިންނެވެ.
ފުރަތަމަ ފަހަރަށް ބޫޓާން އަތުން ރާއްޖެ ބަލިވިއިރު، މިއީ ރާއްޖޭގެ ޒުވާން ޓީމެއް ބަންގްލަދޭޝް އަތުން ޖެހިޖެހިގެން ބަލިވި ދެ ވަނަ މެޗެވެ. މިދިޔަ އަހަރު ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ވެސް ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ. ފަހަކަށް އައިސް އުމުރުފުރާ ގައުމީ ޓީމުތަކަށް ނޭޕާލް އަތުން މޮޅުވުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ.
ރާއްޖެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗު ކުރިއަށްދިޔަ ވަރަކަށް މެޗު ދިޔައީ ނޭޕާލަށް ފަސޭހަވެގެން ކަމަށެވެ.
"މެޗު ކުރިއަށްދިޔަ ވަރަކަށް ނޭޕާލަށް ފަސޭހަ ވެގެންދިޔަތަން ފެނިގެންދިޔައީ. މެޗު ޝެޑިއުލް އޮތްގޮތުން ރާއްޖެ އަށް އެހާ ފަސޭހައެއް ނޫން،" ސާންތީ ބުންޏެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.