24 ސެޕްޓެމްބަރ 2017 - 06:10

މާބަނޑު ޑޮކްޓަރަކު އޭނާގެ ބަލި މީހަކު ވިއްސަނިކޮށް ބަނޑުގައި ރިހެން ފަށައިފި އެވެ. އެމެރިކާގެ އަޔޯވާގެ ޔުނިވަސިޓީ އޮފް އަޔޯވާ ހޮސްޕިޓަލްސް އެންޑް ކްލިނިކްސްގެ އަންހެނުންގެ ޚާއްސަ ކްލިނިކްގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ އެމިލީ ޖޭކަބްސް ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. ޑޮކްޓަރު އެހެން މީހަކު ވިއްސަން ހުއްޓާ ފެންދުލި ފަޅައިގެން ގޮސް ފެންތަކެއް ނުކުންނަކަން ފާހަގަވި އެވެ.
އޭބީސީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އެމިލީ ބުނީ ފަޅައިގެން ދިޔައީ އޭނާގެ ފެންދުލިކަން ފާހަގަ ކުރެވުނީ ވިއްސާ ކޮޓަރިން ނުކުތުމުން ކަމަށެވެ.
ޑރ. އެމިލީ ވިހަން އޭރު މަހަކަށް ވުރެ ގިނަ ދުވަސް އޮތެވެ. އެހެންވެ އޭނާ ހޮސްޕިޓަލަށް ޑިއުޓީއަށް ނުކުންނަމުން ދިޔައީ އެވެ.
"ބަލިވެ އިން ކަމުގައި ވިޔަސް ހޮސްޕިޓަލުގައި ރޭގަނޑު ޑިއުޓީކުރުމާއި ވިއްސުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެއް. އަހަރެން ވިހަން އޮތީ އޮގަސްޓް 24 ވަނަ ދުވަހު،" އެމިލީ ބުންޏެވެ.
އެމިލީގެ ފެންދުލި ފަޅައިގެން ދިޔަކަން އެނގުމުން މެޓާނީ ވޯޑުގައި ތިބި އެހެން ޑޮކްޓަރުންނާއި ނަރުހުން ގޮސް އޭނާއަށް އެހީތެރިވާން ފެށި އެވެ. އެމިލީ ވިއްސީ ޑރ. ކީލީ އެވެ.
ޑރ. ކީލީ ބުނިގޮތުގައި ގާތް އެކުވެރިއަކު އަދި ކްލާސްމޭޓަކު ވިއްސަން ފުރުސަތު ލިބުމީ ކުރެވުނު ވަރަށް ޚާއްސަ ތަޖުރިބާއެކެވެ. ޑރ. ކީލީއާ އެކު ޑރ. އަބޭ މެރީމެން ވެސް އެމިލީ އަށް އެހީތެރިވި އެވެ. ޑރ. އަބޭ ބުނި ގޮތުގައި އެމިލީއަކީ އޭނާގެ ޑޮކްޓަރެކެވެ. އަދި ކިޔަވައިދިން ޓީޗަރެކެވެ. އެހެންވެ އޭނަ ވިއްސުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި އެވެ.
ޑރ. އެމިލީ ބަނޑުގައި ރިއްސައި ވިއްސަން އުޅުނު ވަގުތު އޭނާގެ ފިރިމީހާ ރަޔަން ޖޭކަބްސް އަކަށް މިކަމުގެ އެއްވެސް ޚަބަރެއް ނުވެ އެވެ. އޭނާ އޮތީ ގޭގައި ނިދާފަ އެވެ.
"އަހަންނަށް ފަތިހު 4:45 ހާއިރު ފޯނެއް އައި. އެކަމަކު ނުނަގަން. އެއީ އަހަރެން ނުދަންނަ ނަމްބަރަކުންކަމަށް ވާތީ. ދެން އެމިލީ އަހަންނަށް މެސެޖުކޮށްފައި ވެެގެން އުޅޭގޮތް ކިޔައިދިނުމުން އަހަރެން ހޮސްޕިޓަލަށް ދިޔައީ،" ޖޭކަބް ބުންޏެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރުން ބަލިވެ އިނދެ ވިހާއިރު ވަރަށް ބޮޑެތި ސިއްހީ މައްސަލަތައް ދިމާވާތީ އަބަދުވެސް އެމީހުން އެމީހުންނަށް ޖޯކަކަށް ހަދައިގެން އެ ވާހަކަ ދައްކާ ކަމަށް އެމިލީ ބުންޏެވެ. ނަމަވެސް މިފަހަރުގެ މި ތަޖުރިބާއިން ދުވަސް ނުފުރާ ވިހަން ބަނޑުގައި ރިއްސަން ފެށުމުން ބަލިމީހާ ގަންނަ ބިރާއި އޭނާގެ އިހްސާސްތައް އެމިލީއަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށް އެމިލީ ބުންޏެވެ.