ރަންބީރާއި މާހިރާގެ ގުޅުމަކީ ހަގީގަތެއްކަން އެނގިއްޖެ
ރަންބީރާއި މާހިރާގެ ގުޅުމަކީ ހަގީގަތެއްކަން އެނގިއްޖެ

ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ ރީތި އަދި އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ބޮކްސް އޮފީހުގައި އޭނާގެ ނަސީބު މާ ރަނގަޅު ނޫން ނަމަވެސް އޭނާގެ ހުނަރާ މެދު ދެބަސްވާ އެކަކުވެސް ނެތެވެ.

ރަންބީރުގެ ލޯބީގެ ވާހަކަތަކަކީ ވެސް އަބަދުވެސް ޚަބަރުތަކުގެ ފަލަ ސުރުޚީގައި ލިޔެވެމުންދާ ވާހަކަތަކެކެވެ.

ރަންބީރުގެ ފުރަތަމަ ފިލްމު "ސާވަރިޔާ" ކުޅުނު ދުވަސްވަރު އެ ފިލްމުގެ ބަތަލާ ސޯނަމް ކަޕޫރާއި ރަންބީރުގެ ލޯބީގެ ވާހަކަތައް ފެތުރުނެވެ. އަދި އެއަށް ފަހު ދީޕިކާ ޕަދުކޯންއާ ރައްޓެހިވެގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވެ އެވެ. ދީޕިކާއާ ރުޅިވިތާ މާ ގިނަ ދުވަހެއް ނުވެ ނުވަތަ ދީޕިކާއާ ރައްޓެހިވެގެން އުޅެމުން ކެޓުރީނާ ކައިފާ ލޯބީގެ ގޮތުން ގުޅުނެވެ. މި ގުޅުން ހަތް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިއުމަށްފަހު މިދިޔަ އަހަރު މިކަން ވެސް ނިމުނީ އެވެ.

އެންމެ ފަހުން ރަންބީރާ އަޅުވާ ކިޔަން ފެށީ ޝާހްރުކް ޚާންގެ "ރައީސް"ގެ ބަތަލާ މާހިރާ ޚާންއާ އެވެ. މާހިރާ އަކީ ޕާކިސްތާނު އެކްޓަރަކަށް ވެފައި އޭނާއަށް މިހާރު އިންޑިއާއަށް ވަނުމުގެ ހުއްދަ ވެސް ނެތުމާ އެކު މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް މި ވާހަކަ ފުރަތަމަ އަޑު އިވުމުން ގިނަ ބަޔަކު ހީކުރި އެވެ.

ނަމަވެސް މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ފޮޓޯތަކެއް ފެނުމުން ރަންބީރާއި މާހިރާ ރައްޓެހިވެގެން އުޅޭކަން ޔަގީން ކުރެވިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ބޭރުގެ ގައުމެއްގައި ދެ މީހުން އެކުގައި ޗުއްޓީ ހޭދަކުރަމުން މަގެއް މަތީގައި ސިނގިރޭޓް ބޯން ތިބި މަންޒަރު މި ފޮޓޯތަކުން ފެނެ އެވެ. މިއީ އެމެރިކާގައި މީގެ މަހެއްހާ ދުވަސް ކުރިން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަންބީރު އާއި މާހިރާ އެކުގައި މިހާތަނަށް އެއްވެސް ފިލްމީ މަސައްކަތެއް ނުކުރެ އެވެ. އެ މީހުން ބައްދަލުވެފައިވަނީ މިދިޔަ މާޗް މަހު ޑުބާއީގައި އޮތް އިވެންޓަކުންނެވެ. އޭރުއްސުރެ ދެ މީހުންގެ ސިއްރު ގުޅުމެއްގެ ވާހަކަ ދެެކެވެން ފަށާފައިވެ އެވެ. އަދި ރަންބީރު އޭނާގެ ސިއްރު ލޯބިވެރިޔާއާ ބައްދަލުކުރަން ބޭރު ގައުމަކަށް ދިޔަ ވާހަކަ ވެސް ފެތުރުނެވެ. ނަމަވެސް ގިނަ ބަޔަކަށް މިއީ ހަގީގަތެއް ކަމަށް އޭރަކު ގަބޫލެއް ނުކުރެވުނެވެ.

ރަންބީރާއި މާހިރާ އެކުގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިއުން ރަންބީރަށާއި ކެޓުރީނާ އަށް އަމާޒުވެ ޓުވިޓާގައި ގިނަ ބަޔަކު ދަނީ މި ދެ ތަރިންނަށް މަލާމާތްކޮށް ދިމާކުރަމުންނެވެ. ޚާއްސަ ޕާކިސްތާނު ގިނަ ބަަޔަކު މާހިރާ ދެކެ ރުޅިއައިސްގެން މަލާމާތްކޮށް އެއްޗެހި ކިޔައި ސޯޝަލް މީޑިއާގައި ދަނީ ކޮމެންޓް ކުރަމުންނެވެ.

ރަންބީރަށް ލިބެމުންދާ ފާޑުކިޔުންތަކަށް އޭނާގެ ބައްޕަ ރިޝީ ކަޕޫރު އިއްޔެ ވަނީ ޖަވާބު ދީފަ އެވެ. ރިޝީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ފިލްމީ ތަރިއެކެވެ. އަދި ހުސްހަށިބައި މީހެކެވެ. އެހެންވީމަ އޭނާ ބޭނުން މީހަކާ ބޭނުން އިރަކު ބޭނުން ތަނަކުން ބައްދަލުކުރުމުގެ އިޚްތިޔާރު އޮންނާނެ އެވެ. އަދި އެ ފޮޓޯއަކީ އެ ދެ މީހުން ނިއު ޔޯކް ގައި އުޅެނިކޮށް އިއްތިފާގަކުން ބައްދަލުވި ވަގުތެއްގައި ނަގާފައިވާ ފޮޓޯއަކަށް ވެސް ވެދާނެ ނޫންހޭ ރިޝީ ބުންޏެވެ.