ތަގްރީރު ދެެއްވަނިކޮށް އުރުދުޣާނަކީ ޓެރަރިސްޓެއް ކަމަށް ގޮވައިފި
ތަގްރީރު ދެެއްވަނިކޮށް އުރުދުޣާނަކީ ޓެރަރިސްޓެއް ކަމަށް ގޮވައިފި

ނިއު ޔޯކް (ސެޕްޓެމްބަރު 22) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނިއު ޔޯކުގެ ހޮޓަލެއްގައި ތަގްރީރު ދެއްވަނިކޮށް އެ މަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް ބުނެ ބަޔަކު މީހުން ހަމަނުޖެހުން ހިންގައިފި އެވެ.

ނިއު ޔޯކުގެ މެރިއޮޓް ހޮޓަލުގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ އުރުދުޣާން ވާހަކަ ދައްކަވަނިކޮށް ހަމަނުޖެހުން ހިންގި މީހަކު ވަނީ "ތިޔަ ބޭފުޅާ އަކީ ޓެރަރިސްޓެއް" ކަމަށް ގޮވައިފަ އެވެ. އަދި އޭނާގެ ގައމުން ފައިބައިގެން ދިއުމަށް ވަނީ ބުނެފަ އެވެ. އެ މީހާ ވަނީ ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުން އެ ސަރަހައްދުން ނެރެފަ އެވެ. އެ މީހާ ނެރެމުން ދިޔަ އިރު ބައެއް މީހުން ވަނީ އޭނާ އަށް ހަމަލާދީފަ އެވެ.

ހަމަޖެހުން ހިންގި މީހުން ފަހުން ބުނެފައި ވަނީ އެ މީހުންގެ ބޭނުމަކީ ތުރުކީ އާއި ސީރިއާ އަދި އިރާގުގައި އުރުދުޣާން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުން ކަމަށެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެން އުޅުއްވާ އުރުދުޣާން މެރިއޮޓް ހޮޓަލުގައި ތަގްރީރު ދެއްވީ ޓާކިޝް އެމެރިކަން ނޭޝަނަލް ސްޓިއަރިން ކޮމިޓީގެ ދައުވަތަކަށެވެ.

ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުން ބުނީ އުރުދުޣާންގެ ތަގްރީރަށް ހުރަސް އެޅި ފަސް މީހަކު ކުޑަ ވަގުތުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށާއި ނަމަވެސް ފަހުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.