ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާ މަރުވެއްޖެ
ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާ މަރުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 22) - ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާ، ކޮސްމެޓިކް ކުންފުނި ލޯރިއަލްގެ ވެރިޔާ ލިލިއާން ބެޓެންކޯޓް އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާގެ މިލްކިއްޔާތުގައި 40 ބިލިއަން ޑޮލަރު ހުރި ކަމަށް އެންމެ ފަހުގެ ހިސާބުތައް ދައްކަ އެވެ. އޭނާ އަކީ ދުނިޔޭގައި 14 ވަނަ އަށް އެންމެ މުއްސަނދި މީހާ ވެސް މެ އެވެ. ކުންފުނީގެ ބޯޑުން އޭނާ ވަނީ 2012 ވަނަ އަހަރު ވަކިވެފަ އެވެ. އޭގެ ފަހުން އާއްމުންގެ ތެރޭން ފެންނަނީ ވަރަށް މަދުންނެވެ.

ބައްޕަގެ ކުންފުނީގައި ބެޓެންކޯޓް ބައިވެރިވެފައި ވަނީ އުމުރުން 15 އަހަރުގައި އެޕްރެންޓިސްއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކުންފުނީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފަ އެވެ. އަދި ބައްޕަ 1957 ވަނަ އަހަރު މަރުވުމުން ކުންފުނީގެ މިލްކިއްޔާތު ބެޓެންކޯޓަށް ލިބުނެވެ. ކުންފުނީގެ ބޯޑުން އުމުރުން 89 އަހަރުގައި ވަކިވުމަށް ފަހު އެ މަގާމަށް ވަނީ މާމަދަރިއަކު ހަމަޖައްސައިފަ އެވެ.

ބެޓެންކޯޓް ވަނީ ފްރާންސްގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އަންދުރެ ބެޓެންކޯޓާ ކައިވެނިކޮށްފަ އެވެ. އަންދުރެ ވަނީ 1960 ގެ އަހަރުތަކުގައި ފްރާންސްގެ ކެބިނެޓުގައި ހިމެނިފަ އެވެ. އެ ދެމަފިރިންނަށް 1953 ވަނަ އަހަރު ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.