22 ސެޕްޓެމްބަރ 2017 - 16:22

ނިއު ދިއްލީ (ސެޕްޓެމްބަރު 22) - އިންޑިއާގެ ސްކޫލެއްގެ ދަރިވަރަކަށް ޓީޗަރުންތަކެއް ޖިންސީ ގޯނާކޮށް، އެންމެ ފަހުން އެ ކުއްޖާ ބަލިވެ އިނުމުން އެބޯޝަން ހެދުމުގެ ސަބަބުން ހާލު ދެރަވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 18 އަހަރުގެ ދަރިވަރު ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސް މަޖްބޫރުން އެބޯޝަން ހައްދާފައިވާ ކަމަށެވެ. ޑޮކްޓަރުން ބުނީ އެ ކުއްޖާގެ ސިކުނޑި އަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އަދިވެސް ހޭނާރާ ކަމަށްވެ އެވެ.
އުތުރުގެ ރާޖަސްތާނުގެ ސްކޫލެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ ސްކޫލުގެ ޑިރެކްޓަރާއި ޓީޗަރަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން މިހާރު ދަނީ އެ ކުއްޖާގެ އެބޯޝަން ހެއްދި ހޮސްޕިޓަލުގެ އޮފިޝަލުންނާ ވެސް ސުވާލު ކުރަމުންނެވެ.
އެ ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ބަނޑުގައި ރިއްސާކަމަށް ބުނުމުންނެވެ. އަދި ފަހުން އެނގުނު ގޮތުގައި އެ ކުއްޖާ އިނީ ބަލިވެ އެވެ.
މި ހާދިސާއާ ގުޅިގެން ރާޖާސްތާނުގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ސްކޫލުގެ ބޭރުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ސްކޫލް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ދަރިވަރު ވަނީ އިތުރު ގަޑީގެ ގޮތުގައި ސްކޫލަށް ގެންގޮސްފަ އެވެ. އަދި ތިން މަސް ދުވަސް ވަންދެން ޖިންސީ ގޯނާކޮށްފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ސްކޫލަށް ގެންދިޔަ ދުވަސްވަރު ކަމަށް ބުނެފައިވެ އެވެ. ދަރިވަރުގެ ބަޔާން ފުލުހުންނަށް އަދި ހޯދޭ ގޮތެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.