30 ޖޫން 2016 - 13:12

ކުއާލަ ލަމްޕޫރު (ޖޫން 30) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދެވި އިދިކޮޅު ލީޑަރު ލިމް ގުއާމް އެންގް ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ޕާޓީން ބުނެފި އެވެ.
ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑޭއޭޕީ) ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން 2004 ވަނަ އަހަރުން ފެށިގެން ޕާޓީ ހިންގަވަމުން ގެންދަވާ ލިމް ވަނީ ސަރުކާރުގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އުމުރުން 55 އަހަރުގެ ލިމް އަކީ 2008 ވަނަ އަހަރުން ފެށިގެން ޕިނާންގް ސްޓޭޓުގެ ޗީފް މިނިސްޓަރު ވެސް މެ އެވެ.
ޑީއޭޕީގެ އިސް މެންބަރެއް ކަމަށްވާ ޖެފް އޮއި ވިދާޅުވީ ކޮރަޕްޝަނުގެ ދެ ތުހުމަތުގައި މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ އަމުރެއްގެ ދަށުން ލިމް ވަނީ އިއްޔެ ހައްޔަރުކޮށްފައި ކަމަށެވެ. އޮއި ވިދާޅުވީ ލިމްގެ މައްޗަށް ތުހުމަތުކޮށްފައިވާ އެއް މައްސަލަ އަކީ ސަރުކާރުގެ ބިމެއް ދަނޑުވެރިކަމަށް ޚާއްސަކޮށްފައި ވަނިކޮށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމެވެ. އަނެއް މައްސަލަ އަކީ ލިމް ގެއެއް ބައްލަވައިގެންފައިވުމެވެ. މި މައްސަލަ ކޮރަޕްޝަނަށް ސާބިތު ވެއްޖެ ނަމަ ލިމް ޖަލަށްލާނެ އެވެ.
މާކެޓުގެ އަގަށް ވުރެ ހެޔޮކޮށް ލިމް ގެއެއް ބައްލަވައިގެންފައިވާ މައްސަލައެއް އެމްއޭސީސީ އިން މިދިޔަ އަހަރު ވަނީ ތަހުގީގުކޮށްފަ އެވެ. ލިމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ދޮގު ކުރައްވައިފަ އެވެ.
ނަޖީބުގެ އެކައުންޓަށް 1އެމްޑީބީ އިން ފައިސާ ޖަމާކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. ނަޖީބު ވިދާޅުވެފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށެވެ.
1އެމްޑީބީ އިން ވަނީ އެތައް ބިލިއަން ޑޮލަރެއް ޚިޔާނާތުގެ ގޮތުގައި ގެއްލިފަ އެވެ. ސްވިޒަލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރަނީ މި އަދަދު ހަތަރު ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ ޖެނުއަރީ މަހު ވަނީ 1އެމްޑީބީގެ ޚިޔާނާތުގައި ނަޖީބުގެ އެއްވެސް ދައުރެއް ނެތް ކަމަށް ނިންމައިފަ އެވެ. --އޭއެފްޕީ