ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި
ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

ތިން މީހުންނާ އެކު މާލެ އިން ފުރައިގެން ކ. މަނިޔަފުއްޓަށް ދަތުރުކުރި ދޯންޏެއް މިއަދު ބަންޑުން ޖަހާލައިފި އެވެ.

މި ހާދިސާ ހިނގި އިރު އެ ދޯނީގައި ދެ ދިވެހިންނާއި ބިދޭސީއަކު ތިބި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ ބޮޑު ފެން ބޭގެއް އަރުވައިގެން ދަތުރުކުރި ދޯނި ބަންޑުން ޖަހާލީ ވެލައްސަރު ރިސޯޓާއި އެނބޫދޫ ރިސޯޓާ ދެމެދުން ކަމަށެވެ. މި ހާދިސާ ހިނގީ ފެން ބޭގު ދެ ފަރާތަށް ހެލި، ދޯނި އަރިއަޅާލައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ބަންޑުން ޖަހާލި ދޯނި އެހެން ދޯންޏެއްގެ އެހީގައި ފެނުން މައްޗަށް ނަގައި، މިހާރު ވަނީ އެނބޫދޫ ވިލެޖުގެ ފަޅުތެރެ އަށް ވައްދާފަ އެވެ.

ދޯންޏެއް މިއަދު ބަންޑުން ޖަހާލިއިރު، ބ. ކެންދޫ ފަރަށް ކޮޅުވެއްޓިއެއް އިއްޔެ އަަރައި، ފަރަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެ ރަށަށް އެ ކޮޅުވެއްޓި ދިޔައީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަށް ގެންގޮސްފައި އޮތް އެކްސްކަވޭޓަރެއް އެހެން ރަށަކަށް ގެންދިއުމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެކްސްކަވޭޓަރު ބޯޓަށް އަރުވައިގެން އެ ރަށުން ފުރަނިކޮށެވެ.