22 ސެޕްޓެމްބަރ 2017 - 12:27

ޕިއޮންޔޮން (ސެޕްޓެމްބަރު 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގްރީރަށް ރައްދު ދޭނީ ޕެސިފިކުގައި ގޮއްވާލާ ވަރުގަދަ ނިއުކްލިއާ ބޮމަކުން ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ ތަގްރީރުގައި ވަނީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ދިފާއުވެ ތިބުމަށް މަޖްބޫރު ކުރާ ނަމަ ނޯތު ކޮރެއާ ނައްތާލަން ޖެހިދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ކިމް ޖޮން އުން އަކީ "ރޮކެޓް މޭން" ގެ ގޮތުގައި ސިފަ ކުރައްވާ ރޮކެޓް މޭން އުޅުއްވަނީ އަމިލަ އަށް މަރުވުމުގެ ދަތުރެއްގައި ކަމަށް ވިދާޅުވި އެވެ.
ކިމް ވިދާޅުވީ ޓްރަމްޕަކީ ހަމަނުޖެހޭ ބޭފުޅެއް ކަމަށާއި އދ.ގައި ދެއްވި ތަގްރީރުގެ ސަބަބުން ދޭހަވި އެއްޗަކީ ނޯތު ކޮރެއާގެ ނިއުކްލިއާ މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދިއުން އެއީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޓްރަމްޕުގެ ތަގްރީރުގެ އަގު އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕުގެ ތަގްރީރު ނޯތު ކޮރެއާގެ ފޮރިން މިނިސްޓަރު ރި ޔޮން-ހޯ ސިފަ ކުރައްވާފައި ވަނީ "ކުއްތާ ވައްވައްޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ. ރީ ވެސް ވިދާޅުވީ ޕެސިފިކުގައި ޓެސްޓް ކުރާ ބޮން ވެގެންދާނީ މިހާތަނަށް ގޮއްވާލާ އެންމެ ބާރުގަދަ ބޮމަށް ކަމަށެވެ.
ކިމްގެ ފަރާތުން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕުގެ ތަގްރީރަކީ ނޯތު ކޮރެއާ ބިރު ދެކުމަށްވުރެ ބޮޑަށް، ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް އޮތީ ރަނގަޅު މަގުގައިކަން ދައްކައިދިން ވާހަކަތަކެއް ކަމަށެވެ.
"ދުނިޔޭގެ އެންމެންގެ ލޯތަކުގެ ކުރިމަތީގައި ޓްރަމްޕް އެ ވަނީ ގައުމެއް ނައްތާލާނެ ކަމަށް ވިދާޅުވެފައި. އެއީ ތާރީޚުގައި ވެސް ގައުމަކާ ދެކޮޅަށް އިއުލާން ކުރި އެންމެ ވަރުގަދަ ހަނގުރާމަ. ޓްރަމްޕުގެ ތަގްރީރުގެ އަގު އަދާކުރަން އެންމެ ވަރުގަދަ އަށް ރައްދު ދޭނަން،" ކިމް ވިދާޅުވި އެވެ.
ތަޖްރިބާކާރުން ބުނަނީ މިއީ ބައިނަލްއަގުވާމީ އޯޑިއެންސަށް އަމާޒުކޮށް ކިމް ދެއްވި ފުރަތަމަ ބަޔާން ކަމަށެވެ.