22 ސެޕްޓެމްބަރ 2017 - 12:31

ލަންޑަން (ސެޕްޓެމްބަރު 22) - މެކްސިކޯ ސިޓީ އަށް މިދިޔަ އަންގާރަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކާއި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ވެސްޓް ހޭމް ޔުނައިޓެޑުން ހާއްސަ ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

އެގޮތުން ވެސްޓް ހޭމް އިން ވަނީ މާދަމާ ޓޮޓެންހަމާ ދެކޮޅަށް ވެސްޓް ހޭމް ކުޅޭ މެޗަށް ފަހު އެ ޓީމުގެ ކުޅުންތެރިންގެ ޖާޒީ ނީލަން ކިޔަން ނިންމައިފަ އެވެ. ނީލަން ކިޔައިގެން ލިބޭ ފައިސާއާ އެއްވަރަށް ވެސްޓް ހޭމް އިން ވެސް ފައިސާ ހަދިޔާ ކުރާނެ އެވެ. އަދި ޖުމްލަ ފައިސާ މެކްސިކޯ މީހުންނާ ހަވާލުކުރަން ވެސްޓް ހޭމް އިން ނިންމާފައިވަނީ އެ ޓީމަށް ކުޅޭ މެކްސިކޯގެ ދެ ކުޅުންތެރިން ކަމަށްވާ ހަވިއޭ ހެނާންޑޭޒާއި (ޗިޗަރީޓޯ) މިގޭލް ލަޔޫން މެދުވެރިކޮށެވެ.
ވެސްޓް ހޭމްގެ ޗެއާމަން ޑޭވިޑް ސަލިވަން ވިދާޅުވީ މެކްސިކޯ އަށް ދިމާވި ހިތްދަތި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެ ކްލަބުން އެހީތެރިވާން ބޭނުންވި ކަމަށާއި އެކަމަށް ވީހާވެސް ގިނަ ބަޔެއްގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.
"ވަރަށް ހިތާމަވެރި ހަބަރެއް މިއީ. މެކްސިކޯގެ މީހުންނަށް އެބަޖެހޭ އެކި މީހުންގެ އެހީތެރިކަން ފޯރުކޮށްދޭން ވެސްޓް ހޭމްގެ ދެ ކުޅުންތެރިއެއްގެ (ހެނާންޑޭޒް އާއި ލަޔޫން) ގައުމު އެއީ. އަހަރެމެން އެ ދެ ކުޅުންތެރިންނަށް ވެސް ހަމްދަރުދީވަން. އެ ދެ ކުޅުންތެރިންގެ ބައިވެެރިވުމާ އެކު އަހަރެމެން މި ހަރަކާތް މި ހިންގަނީ،" ސަލިވަން ވިދާޅުވި އެވެ.
ހެނާންޑޭޒް ބުނީ ގައުމާ ދުރުގައި ހުރި ނަމަވެސް އޭނާ ބޭނުންވަނީ ވެވެން އޮތް ގޮތަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
"އަހަރެން މަޝްވަރާކުރިން ޗެއާމަނާ (ޑޭވިޑް). އޭނާ ބުނީ މެކްސިކޯ އަށް އެހީތެރިވާނެ ކަމަށް. ގައުމާ ދުރުގައި ހުރި ނަމަވެސް އަހަރެން ބޭނުންވޭ އަހަރެން ވެސް އެމީހުންނާ އެކުގައިވާ ކަން. މިއީ މެކްސިކޯ އަށް ހިތްދަތި ވަގުތެއް. އެންމެންގެ އެހީ ބޭނުން،" ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ހެނާންޑޭޒް ބުންޏެވެ.
ރިކްޓާ މިންގަނޑުން 7.1 ގެ ބާރު މިނުގެ މި ބިންހެލުން އައިސްފައި ވަނީ 1985 ވަނަ އަަހަރު މެކްސިކޯ އަށް އައި ބިންހެލުމަށް 32 އަހަރު ފުރުން ފާހަގަ ކުރަން ޑްރިލްއެއް ބާއްވަމުން ދަނިކޮށެވެ. އެ ފަހަރުގެ ބިންހެލުމުގައި ވަނީ 10،000 މީހުން މަރުވެފަ އެވެ. މި ފަހަރުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 273 އަށް އަރައިފަ އެވެ.