22 ސެޕްޓެމްބަރ 2017 - 12:27

މެޑްރިޑް (ސެޕްޓެމްބަރު 22) - ރެއާލް މެޑްރިޑަށް ފަހަކަށް އައިސް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށާއި ދަށް ނަތީޖާތަކުގެ ސަބަބުން ޓީމުގެ ހާލަތު ގޯސްވުމުގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
ރެއާލް މި ފަހަރުގެ ސީޒަނުގައި މިހާތަަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އަނެއް ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ރެއާލް ލީގުގެ ހަތް ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް ބާސެލޯނާއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މި ސީޒަނުގެ މިހާތަނަށް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ރެއާލަށް މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން އާ ސީޒަނެއްގައި ލީގުގައި ފުރަތަމަ ތިން މެޗުން ރެއާލް އަމިއްލަ ދަނޑުގައި މޮޅެއް ނުހޯދި ދިޔައީ މީގެ 20 އަހަރު ކުރިންނެވެ.
"މިއީ ކަންބޮޑުވާން ޖެހޭ ހާލަތެއް. އަހަރެމެން މީގެ އެއް މަސް ކުރިން ހުރީ ރަނގަޅު ޓްރެކުގައި ތަށި ލިބޭ ޓީމެއް އޭރު މިއީ. އެކަމަކު މިހާރު އަހަރެމެންނަށް އަމިއްލަ ދަނޑުގައި މެޗުތަކުން މޮޅުނުވުމަކީ ކަންތައްތަކެއް ގޯސްވާ ކަމުގެ އެލާމެއް. ހާލަތު އިތުރަށް ގޯސް ނުވަނީސް އެބަޖެހޭ ރަނގަޅު ކުރަން،" މިދިޔަ އަހަރު ރެއާލަށް ލީގު ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ރާމޯސް ބުންޏެވެ.
އޭނާ ބުނީ ރެއާލްގެ ފޯމު ގެއްލުނީ ރޮނާލްޑޯގެ ސަސްޕެންޝަނުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ.
"ރޮނާލްޑޯ ނުލައި ކުޅުމެއް ނޫން މައްސަލަ އަކީ. ރެއާލަކީ އެއް ކުޅުންތެރިއަކަށް ބަރޯސާވާ ޓީމެއް ނޫން. މައްސަލަ އަކީ ފުރުސަތުތަކުގެ ބޭނުން ނުކުރެވުން. ދެން ފަހު ގަޑީގައި އަންނަ ޕްރެޝަރާ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ކުރިމަތި ނުލެވެނީ،" ރާމޯސް ބުންޏެވެ.
ސްޕެެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރާމޯސްގެ ފޯމު ދަށްވެފައިވާތީ ޒިދާން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އޭނާއާ ބައްދަލުކޮށްފަ އެވެ.