22 ސެޕްޓެމްބަރ 2017 - 12:02

ވެރިކަން ކުރާ ޕީޕީއެމުން އެކި ދާއިރާތަކުގައި މިހާރު ކުރަމުން އަންނަ ކެމްޕޭނުގައި، އެ ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިސްކޮށް އުޅުއްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމާ އެކު އެންމެ އިސްކޮށް މިހާރު ހުންނެވީ މޫސަ އެވެ. މި ކެމްޕެއިން ދަރުފުޅުތަކުގައި މޫސަގެ އިތުރުން ދެން ފަސްޓް ލޭޑީގެ އަރިހުގައި އިސްކޮށް ހުންނެވީ ކުރިއެކޭ ވެސް އެއްގޮތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މި ކެމްޕޭންގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރަށްތަކާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ކެމްޕޭން ޖަލްސާތައް ވަނީ ބާއްވައިފަ އެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ އެކި އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ ނުލައި، ވަކި ފެކްޝަނެއް ހަދައިގެން މޫސަގެ ބެއްލެވުމުގެ ދަށުން ކެމްޕޭން ކުރިއަށް ގެންދާތީ އެ ޕާޓީ ތެރޭގައި ޚިޔާލު ތަފާތުވުންތައް އޮތް މިންވަރު ހާމަވެ އެވެ. ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައި މޫސަ ޕާޓީގެ ކެމްޕޭންގައި އިސްކޮށް އުޅުއްވުމަކީ އެ ޕާޓީގައި ގިނަ ދުވަސްވީ މެމްބަރުންގެ ހިތްހަމަނުޖެހުން އޮތް މައްސަލައެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ޕީޕީއެމްގައި އަދިވެސް އޮތީ ހިޔާލުތަފާތުވުމާއި ބައިބައިވުންކަމަށް ވިދާޅުވެ ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޕީޕީއެމްގެ ކެމްޕޭންގައި ފެންނަމުން ދަނީ އެ ޕާޓީގެ އިސްކޮށް ތިއްބެވި ބޭފުޅުން އެއްކައިރި ކޮށްފައިވާ މަންޒަރު ކަމަށެވެ. އެ ޕާޓީގެ އިސް ސަފުން މިހާރު ފެންނަނީ އެކި ދިމަދިމާލުން، ވަރަށް ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރީ ރޭ ޓީވީ ބަލަން އިން އިރު އަޅުގަނޑު ހިތަށް އެރި ޕާޓީގެ ރައީސަކީ ރީކޯ މޫސަ ނޫންބާއޭ؟" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން އެއްކައިރި ކޮށްފައިވާ ކަމަށް މިސާލު ދައްކަވަމުން އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމުން ދާއިރާތަކުގެ ގޮނޑިތަކަށް މެމްބަރުން ހޮވުމުގެ ކެމްޕޭން ފަށާފައި ވަނީ އެ ދާއިރާތަކުގެ ގޮނޑިތަކުގައި މެމްބަރުން ތިއްބަވަނިކޮށެވެ. އެ ގޮނޑިތައް ހުސްނުވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުން ސާފުވާން އޮތް އިރު ވެސް އިލެކްޝަނުން ބައި އިލެކްޝަން އިއުލާން ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރަށް ތާއީދު ހޯދަން މިކުރާ މަސައްކަތުގައި ރީކޯ މޫސާ މަނިކު އިސްކޮށް ހުންނަވައިގެން ވޯޓު ހޯދުމުގެ ކަންކަން މި ކުރަނީ. ރީކޯ މޫސާ މަނިކަކީ ކަނޑައެޅިގެން މަގުމަތީގައި ކޯޓު ހެދި ކަމަށް އިއުލާން ކުރައްވައި ގާނޫނުއަސާސީއާ ޚިލާފު އެތައް އެތައް އިއުލާންތަކެއް އިއުލާންކުރައްވައި އަދި ދިވެހި ރައްޔިތުންގެ ނުރުހުމާއި ރައްޔިތުން ގަބޫލުނުކުރާ ކަންތައްތަކެއް އިންތިހާ އަށް ގޮވާލައްވާފައި ހުންނެވި ބޭފުޅެއް ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،" އަމީން ވިދާޅުވި އެވެ.
މޫސައަކީ އިދިކޮޅު މެމްބަރުންގެ ތެރެއިން ޕީޕީއެމަކީ އަނިޔާވެރި ޕާޓީއެއް ކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅާކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ކިހިނެއްތޯ ޕީޕީއެމަށް ގަބޫލުކުރެވޭނީ އެ ޕާޓީގެ ކެމްޕޭންގައި އެންމެ އިސް ބޭފުޅަކީ ރީކޯ މޫސާ މަނިކު ކަމަށް ވެގެން ތާއީދުކުރާނެ ކަން؟ މިސާލަކަށް ދިއްދޫގައި ތިބި ޕީޕީއެމްގެ މެމްބަރުންނަށް ގަބޫލުކުރެއްވޭނެތޯ އެ ބޭފުޅުންގެ ކެމްޕޭން ލީޑަރަކީ ނުވަތަ އަންނަ ދައުރުގައި އެ ބޭފުޅުންގެ ރަނިންމޭޓަކީ ރީކޯ މޫސަ އަށް ވާން. އެހެން ގަބޫލެއް ނުކުރެއްވޭނެ ދެއްތޯ؟ އެހެންވީމަ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުން ވެސް އެބަ އެނގޭ ތާއީދެއް ނެތް ކަން،" އަމީން ވިދާޅުވި އެވެ.
ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މަގުމަތީގައި ކޯޓު ހައްދަވައި އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އިއުލާންކުރެއްވި މޫސަ ޕީޕީއެމުގެ އިސްކޮށް އުޅުއްވުމަކީ އެ ޕާޓީގެ އާއްމު މެމްބަރުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އޭރުގައި ވެސް އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި ރީކޯ މޫސަ ހެއްދެވީ މުޅިން ގޯސް. އެބޭފުޅާ ވިދާޅުވީ 500 އަހަރު ވެރިކަން ކުރައްވާނަމޭ ވިދާޅުވި ބޭފުޅާ މިއަދު ކެމްޕޭންގައި [އިސްކޮށް]. މި ސަރުކާރުން އެބަ ވާހަކަ ދައްކާ ގާނޫނަށް ހުރުމަތްތެެރިކޮށް ހިތާނަމޭ ހެދިފައި އޮންނަ އުސޫލުގެ ތެރެއިންނޭ ކަންކަން ކުރާނީ، ރަނގަޅު ބޭބޭފުޅުންނޭ ކަންކަން ކުރައްވާނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެންނަނީ އެ މަންޒަރެއް ނޫން،" މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ފެކްޝަން ހެދިފައިވާއިރު ކެމްޕޭން ފެކްޝަންގައި އިސްކޮށް އުޅުއްވަނީ ވަރަށް ގޯސް ޓްރެކް ރެކޯޑެއް އޮތް ބޭފުޅުންނެވެ.
އިދިކޮޅު ފަރާތްތަކުން މޫސަ އަށް ފާޑުކިޔަމުން ދާއިރު، ދިއްދޫގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވެފައި ވަނީ މި ސަރުކާރުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ކޮށްފައި ނޯންނާނެ ކަމަށެވެ. ރައީސް ޔާމީން މުޅި ރާއްޖެ ތަރައްގީ ކުރައްވަމުން އަންނަ ކަމަށާއި އެ ތަރައްގީ ބަލައިގަނެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކާއި 2018 ގެ އިންތިހާބު ވެސް ކާމިޔާބުކުރާނީ ޕީޕީއެމުން ކަމަށެވެ.