22 ސެޕްޓެމްބަރ 2017 - 06:27

އެއްޗެހި ބޭއްވޭ ތަނެއް ނޭނގުން، މީހުންނަށް ކިޔާ ނަން އޮޅުން ނުވަތަ ޚާއްސަ މުނާސަބަތުތައް ހަނދާނުން ކައްސާލުން ފަދަ ކަންކަމަކީ އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބަލިތޯ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި މިއީ ހަަމަ އާދައިގެ ގޮތެއްގައި ހަނދާނަށް އަންނަ ބަދަލަކަށް ވެސް ވެދާނެ ނޫން ހެއްޔެވެ؟
އަލްޒައިމާ އަކީ ކްރޯނިކް ނިއުރޯ ޑިޖެނެރޭޓިވް ޑިޒީޒް އެކެވެ. މި ބަލި ޖެހުމުން، ހަނދާން ނެތުމުގެ މައްސަލަތައް މަޑުމަޑުން ދިމާވަމުން ގޮސް ވަރަށް ބޮޑުވަރުވެ އެވެ. މިގޮތަށް ދިމާވާ 60 ނުވަތަ 70 ޕަސެންޓް މީހުންނަކީ ޑިމެންޝިއާ ބަލި މީހުންނެވެ. ޑިމެންޝިއާ އަކީ ވެސް ހަނދާން ނެތޭ ބައްޔެކެވެ. ނަމަވެސް އަލްޒައިމާ އަކީ އުމުރުން ދުވަސްްވެފައިވާ މީހުންނަށް ޖެހޭ ބައްޔަކަށް ވާއިރު ޑިމެންޝިއާ އަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.
ދުވަސްވީ މީހުން، ހަނދާން ނެތެން ފެށުމުން އެއީ އުމުރުން ދުވަސްވުމުން ދިމާވާ ކަމެއް ކަމަށް ހިތާ އަޅާ ނުލައި ދޫކޮށްލެވޭތަން އާދެ އެވެ. ނަމަވެސް ރަނގަޅު ފަރުވާ ނުދެވިއްޖެ ނަމަ މިފަދަ މީހުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭ މިންވަރަށް އަލްޒައިމާގެ މައްސަލަ ކުރިމަތިވެ އެވެ.
ސެޕްޓެމްބަރު 21 ފާހަގަކުރަނީ ދުނިޔޭގެ އަލްޒައިމާ ދުވަހުގެ ގޮތުގަ އެވެ. އެއީ އަލްޒައިމާ އާއި ޑިމެންޝިއާއަށް މީހުން ހޭލުންތެރި ކުރުވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ކޮންމެ 68 ސިކުންތެއްގެ ތެރޭގައި މީހަކު އަލްޒައިމާ ބަލީގެ ޝިކާރައަކަށް ވެ އެވެ. މި ބަލި ޖެހުމުން މީހުން އުޅޭ ހާލާއި އެމީހުން ބަލަހައްޓާ މީހުން އުފުލަން ޖެހޭ ތަކުލީފު ވިސްނޭނީ ހަމަ މިފަދަ ބަލި މީހަކު ގެންގުޅޭ މީހަކަށެވެ.
* މީހެއްގެ ނަން ހަނދާން ނެތުމަކީ ހަމަ އާދައިގެ ކަމެކެވެ. ނަމަވެސް އެމީހާގެ މަތިން ހަނދާން ނެތުމަކީ އާދައިގެ ކަމެއް ނޫނެވެ.
* ހަނދާނުގައި ކުޑަކޮށް މައްސަަލަ އުޅުނަސް އާއްމުކޮށް ކޮށް އުޅޭ ކަންތައްތައް ކޮށްލައިގެން ދިރިއުޅެވޭ ނަމަ އެއީ އާދައިގެ މީހެކެވެ. ނަމަވެސް ވަރަށް އާދައިގެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ގައިން ތާހިރު ވުމާއި ހެދުން އެޅުން އަދި ބިލްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ހަނދާނުގައި ނުހުރުން އެއީ އަޅާނުލައި ހުންނަ ވަރު ކަމެއް ނޫނެވެ.
* ތަޅުދަނޑިފައްޗާއި ރިމޯޓް ފަދަ ތަކެތި ލެވުނުތަނެއް ނޭނގިގެން އުޅެން ޖެހުނަސް ބިރު ގަންނާނެ ކަމެއް ނެތެވެ. ނަމަވެސް ހީވެސް ނުކުރާ ކަހަަލަ ތަންތަނަށް އެ ތަކެތި ލައިގެން އަބަދު އެ ލެވުނު ތަނެއް ނޭނގިގެން އުޅުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލާށެވެ.
* ކޮން ދުވަހެއްކަން ނޭނގުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. އެކަމަކު "ހިޖުރަ އޮޅިފަ" އޭ ބުނާ ވަރަށް އޮޅުންބޮޅުން ވެގެން އުޅެން ޖެހުން އެއީ އާދައިގެ ކަމެއް ނޫނެވެ.
* ވާހަކަ ދައްކާއިރު ބޭނުންކުރަންވީ ރަނގަޅު ބަސް ނޭނގިގެން އުޅުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ނުގުޅޭ ވާހަކަ ދެއްކުމާއި އެއް ބަހެއް ތަކުރާރުކޮށް ކިއުމަކީ އާދައިގެ ކަމެއް ނޫނެވެ.
* ދާންވީ މަގު ނޭނގިގެން އުޅުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް އަބަދު ގޮސް އުޅޭ ތަނެއްގައި ވާވަދެގެން ދާން ނޭނގިގެން އުޅުމަކީ އާދައިގެ ކަމެއް ނޫނެވެ.
* ގަވާއިދުން ކުރާ ކަންތައްތައް އެގޮތަށް ނުކުރެވުނީމާ ހިތްހަމަނުޖެހި ރުޅިއައުން އެއީ އާދައިގެ ކަމެކެވެ. ނަމަވެސް އެކަށޭނަ ސަބަބަކާ ނުލައި ކުރެވޭ ކަމެއް ނޭނގުން، ހިތުގައި ވަހުމް އުފެދުން، މާޔޫސްވުން، ބިރުގަތުން، ހިތް ނުތަނަވަސްވުން މިއީ އާދައިގެ ކަމެއް ނޫނެވެ.
ސުވާލެއް ތަކުރާރުކުރުމަކީ އާދައިގެ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ހަމަ އެއް ސުވާލެއް އިރުއިރުކޮޅާ ކުރާ ނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ.