ރޮހިންޖާ މައްސަލަ ހައްލުކުރަން އދ.އިން އަވަސް ފިޔަވަޅު އަޅަންޖެހޭ: ޓްރަމްޕް
ރޮހިންޖާ މައްސަލަ ހައްލުކުރަން އދ.އިން އަވަސް ފިޔަވަޅު އަޅަންޖެހޭ: ޓްރަމްޕް

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 21) - މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ ފިޔަވަޅުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އދ.ގެ ސަލާމަތީ މަޖިލީހުން އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވީ މިއަންމާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ސަލާމަތީ މަޖިލީހުން އެޅުމަށް ރައީސް ޓްރަމްޕް އެދިވަޑައިގަންނަވާ ކަމަށެވެ. މިއީ ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ހަމަލާ ދޭން ފެށި ފަހުން އެމެރިކާ ސަރުކާރުން ދިން އެންމެ ހަރުކަށި ރައްދެވެ.

ޕެންސް ވިދާޅުވީ ރަކީން ސްޓޭޓުގެ ހަމަނުޖެހުމާއި ގިނަ އަދަދެއްގެ ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވުމަކީ "ބޮޑު މުސީބާތެއް" ފަދަ ކަމެއް ކަމަށެވެ.

"މި ހަމަނުޖެހުންތައް ދިގުލައިގެން ދާނަމަ މުޅި ސަރަހައްދަށް އެކަމުގެ ނުރައްކާ ފެތުރޭނެ. އަދި އަޅުގަނޑުމެން އެންމެންގެ ސުލްހަ މަސަލަސްކަން ގެއްލިގެންދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ. "ރަކީންގައި ހިންގާ ހަމަނުޖެހުންތަކުގެ މަންޒަރުތަކުން އެމެރިކާ އާއި ދުނިޔޭގެ އެތައް ބަޔަކަށް ވަނީ ޝޮކު ލިބިފައި."

މިއަންމާ އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ޕެޓްރިކް މާފީ ވަނީ ރަކީން ސްޓޭޓަށް ވަޑައިގެން ސަރުކާރުގެ އޮފިޝަލުންނާއި ކޮމިއުނިޓީތަކުގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ހަމަޖެހިފަ އެވެ.

އަނެއްކޮޅުން މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ އެ ގައުމަށް އެތެރެވެފައިވާ މިއަންމާ ރެފިއުޖީންގެ މައްސަލައާ ބެހޭ ގޮތުން ރައީސް ޓްރަމްޕާ މަޝްވަރާ ކުރައްވާފައި ކަމަށް ވިދާޅުވެފަ އެވެ.