މެކްސިކޯގެ ބިންހެލުމުގައި ޕްރައިމަރީ ސްކޫލަކުން 21 ކުދިން މަރު
މެކްސިކޯގެ ބިންހެލުމުގައި ޕްރައިމަރީ ސްކޫލަކުން 21 ކުދިން މަރު

މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 21) - މެކްސިކޯ އަށް އައި ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ތަނަކީ ވެރިރަށުގައި ހުރި ޕްރައިމަރީ ސްކޫލެކެވެ.

މެކްސިކޯގެ ބިންހެލުމުގައި ޕްރައިމަރީ ސްކޫލަކުން 21 ކުދިން މަރު
މެކްސިކޯގެ ބިންހެލުމުގައި ޕްރައިމަރީ ސްކޫލަކުން 21 ކުދިން މަރު

ރިކްޓާ މިންގަނޑުން 7.1 ގެ ބާރު މިނުގައި އައި ބިންހެލުމުގައި މެކްސިކޯ ސިޓީގެ ޕްރައިމަރީ ސްކޫލުން މިހާތަނަށް ވަނީ 21 ދަރިވަރަކާއި ބޮޑު ފަސް މީހުން މަރުވެފަ އެވެ. އިމާރާތްތަކުން ވެއްޓިފައިވާ ބައިތަކުގެ ދަށުން ދިރިހުއްޓާ ކުދިން ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު އާވެފައި ވަނީ ދިރިއޮތް އަންހެން ކުއްޖެއް ފެނުމުންނެވެ. އިމާރާތްތަކުގެ ބައިތައް ދުރަށް ޖައްސާ އެ ކުއްޖާ ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އެ ކުއްޖާ ދިރި އޮތްކަން އެނގުނީ އަތް ހަރަކާތް ކުރާތަން ފެނިގެންނެވެ.

މެކްސިކޯގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބިންހެލުމުގައި ބިމާ ހަމަވި ސްކޫލުން 11 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ދެ ކުދިންނާއި ބޮޑު މީހަކު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިންހެލުމުގައި މެކްސިކޯގެ 209 ސްކޫލަކަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ ތެރޭން 15 ސްކޫލެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މި ބިންހެލުމުގައި މެކްސިކޯގެ އެކި ހިސާބުތަކުން މިހާތަނަށް ވަނީ 225 މީހުން މަރުވެފަ އެވެ. ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ބަޔަކު ރޭ ނިދަން ޖެހުނީ މަގުތައް މަތީގަ އެވެ.

މެކްސިކޯ އަށް ބިންހެލުން އައިސްފައި ވަނީ މީގެ 32 އަހަރު ކުރިން އެ ގައުމަށް އައި ބިންހެލުން ފާހަގަ ކުރަން ޑްރިލެއް ބާއްވަމުން ދަނިކޮށެވެ. ނަވާރަ ސަތޭކަ އަށްޑިހަ ފަސް ވަނަ އަހަރު އައި އެ ބިންހެލުމުގައި ވަނީ 10،000 މީހުން މަރުވެފަ އެވެ. އަދި މި މަހު 7 ވަނަ ދުވަހު މެކްސިކޯ އަށް 8.1 ގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ވަނީ 90 މީހުން މަރުވެފަ އެވެ.

މެކްސިކޯ އޮންނަނީ ބިންހެލުން އަންނަ އެންމެ އެކްޓިވް ސަރަހައްދުގަ އެވެ. އެއީ ދުނިޔޭގެ ޓެކްޓޯނިކް ތިން ޕްލޭޓް ކަމަށްވާ ނޯތު އެމެރިކަން، ކޮކޯސް އަދި ޕެސިފިކް ޕްލޭޓް ގުޅޭ ހިސާބެވެ.