21 ސެޕްޓެމްބަރ 2017 - 11:27

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސް އަށް ކުރާ އެ ދައުވާގެ ޝަރީއަތް މިދިޔަ ހޯމަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްގައި އޮތެވެ. ނަމަވެސް ކޯޓުން ފަހުން ބުނީ އެ މައްސަލަ އެ ދުވަހުގެ ތާވަލްގައި އޮތީ އޮޅުމަކުން ކަމަށާއި އެ ދުވަހު އެ މައްސަލަ ބާއްވަން ހަމަޖެހިފައި ނެތް ކަމަށެވެ.
ފާރިސްގެ ޝަރީއަތް ހޯމަ ދުވަހު ފަށަން ނިންމައި، އެކަން އޭނާގެ ވަކީލުންނަށް އަންގާފައިވާ ކަން އެ ވަކީލުން ކަށަވަރުކޮށްދެ އެވެ. އެ ދުވަހު އޮންނާނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުމެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފާރިސްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލިއިރު، ދައުވާގައި އޮތީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެކަމަކު ފަހުން ވަނީ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ.
އެ މައްސަލާގައި ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ހައި ކޯޓުގައި ބާއްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވިޔަސް އަންނަ ހަފުތާގައި އޮންނާނީ އިތުރު އަޑުއެހުމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އެވެ.
އެ މައްސަލައިގެ އިތުރުން ޝަހްސު އޮޅުުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.