21 ސެޕްޓެމްބަރ 2017 - 12:11

އެޕަލް ވޮޗްގައި އަލަށް ހިމެނި ފޯނުކުރެވޭ ފީޗާ ނުވަތަ ސެލިއުލާ ކަނެކްޓިވިޓީގައި ސީރިއަސް މައްސަލައެއް ހުރިކަން، އެ ފޯނު މާދަމާ ބާޒާރަށް ނެރެން ތައްޔާރުވެފައި ވަނިކޮށް ފާހަގަވެއްޖެ އެވެ.
އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުގައި ހުކުރު ދުވަހު ވިއްކަން ފަށާ "އެޕަލް ވޮޗް ސީރީޒް 3" ގައި ސެލިއުލާ ކަނެކްޓިވިޓީ ކުއްލިއަކަށް ގެއްލޭކަން އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ވޯލް "ސްޓްރީޓް ޖާނަލް" އާއި "ވާޖް" އިން ހެދި ރިވިއުތަކެއްގަ އެވެ. އޭގެ ފަހުން އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ އެލްޓީއީ ޗިޕް ހިމަނައިގެން އެޕަލް އިން އުފެއްދި މި ގަޑީގެ ސެލިއުލާ ކަނެކްޓިވިޓީ ގެއްލެނީ ވައިފައި ނެޓްވޯކްތަކާ އަމިއްލައަށް ކަނެކްޓްވާތީ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ކަންކަން ބެލުމަށް ފަހު ސޮފްޓްވެއާ އަޕްޑޭޓެއް ދޭނެ ކަމަށް އެޕަލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ސެލިއުލާ ކަނެކްޓިވިޓީ ގެއްލޭ މައްސަލައިގެ އިތުރުން ސިރީއާ ކަނެކްޓް ކުރުމުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށް ރިވިއުތަކުގައި ބުނެފައިވެ އެވެ.
ސީރީޒް 3ގެ ގަޑީގެ އަގު ފެށެނީ 329 ޑޮލަރުންނެވެ. ފެން ނުވަންނަ ގޮތަށް ހަދާފައިވާ މި ގަޑީގައި ފެތުންތެރިންނަށް ހާއްސަ ފީޗާއެއް ހިމަނައި ހިތުުގެ ހިނގުން ވަޒަންކުރުމާއި އެފަދަ އެހެން ސިއްހީ ކަންކަމަށް ހިމަނާފައިވާ ފީޗާތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.