21 ސެޕްޓެމްބަރ 2017 - 10:54

ގއ. ގެމަނަފުއްޓާއި ކޮލަމާފުށި އަދި ކޫއްޑޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން ތައާރަފްކޮށްފި އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުން ގއ. އަތޮޅުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކޮށް އާ އޭޓީއެމްތަކުގެ ހިދުމަތް ފަށާފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށާއި އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ.
އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އިއްޔެ އެ ތިން ރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގަ އެވެ.
އެ ބޭންކުން ބުނީ އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ނަމަވެސް އެ އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ އިންވެސްޓްމަންޓްތަކާ އެކު ގއ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގެމަނަފުއްޓާއި ކޮލަމާފުށި އަދި ކޫއްޑޫގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން އޭޓީއެމްތަކުން ދައްކުވައިދެނީ މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ދޭ އަހަމިއްޔަތުކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗާއި 31 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 90 އޭޓީއެމް، 4،600 ޕީއޯއެސް މާޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ލިބެން ހުރެ އެވެ.