ލީގު ކަޕާ ދެކޮޅަށް މޮރީނިއޯ ވާހަކަ ދައްކައިފި
ލީގު ކަޕާ ދެކޮޅަށް މޮރީނިއޯ ވާހަކަ ދައްކައިފި

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ލީގު ކަޕް ނުބާއްވައިފިނަމަ އިނގިރޭސި ފުޓްބޯޅަ އަށް ފައިދާވާނެ ކަމަށް އެންމެ ފަހުން އެ މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ލީގު ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. ތިން ފަހަރު ޗެލްސީ އަށް މި މުބާރާތް ކާމިޔާބު ކޮށްދިންއިރު، މިދިޔަ އަހަރު އޭނާ ވަނީ ޔުނައިޓެޑަށް ފަސް ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ.

މޮރީނިއޯ ބުނީ ލީގު ކަޕަކީ ކްލަބްތަކަށް އެހާ ފައިދާ ބޮޑު މުބާރާތެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"މުބާރާތަކީ ރަސްމީ މުބާރާތެއް ކަމަށް ވަންޏާ އަހަރެމެން ވެސް އެބަޖެހޭ އެކަމަށް އިހުތިރާމް ކުރަން. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުންނައިރު އަހަރެންގެ ޒިންމާއެއް އެއީ މި މުބާރާތަކީ މުހިއްމު މުބާރާތެއްގެ ގޮތުގައި ކުޅުންތެރިންނަށް ވިސްނައިދޭން،" ރޭ ބާޓަން އެލްބިއަން އަތުން 4-1 އިން މޮޅުވި މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާ އަމިއްލަ ވިސްނުމުގައި އެއްޗެއް ބުނާނަމަ ލީގު ކަޕަކީ މުހިއްމު މުބާރާތެއް ނޫން ކަމަށެވެ.

"އިނގިރޭސި ފުޓްބޯޅަ އަށް ލީގު ކަޕް ނުބާއްވައިގެން ގެއްލުމެއް އޮތްތޯ ނޫނީ މި މުބާރާތް ނެތިގެން ފައިދާއެއް ވާނެތޯ އަހައިފިއްޔާ އަހަރެން ބުނާނީ އޮންނާނެއޭ. އެއީ މިސާލަކަށް ޔޫރަޕިއަން މުބާރާތަކަށް ޓީމުތައް އޮންނާނީ ރަނގަޅަށް ތައްޔާރުވެފައި،" އޭނާ ބުންޏެވެ.

ބާޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މޮރީނިއޯ ވަނީ ލީގު ކަޕް ދިފާއުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މެޗަށް ފަހު ނޫސްވެރިން އަދިވެސް އެ ވިސްނުން އެބަހުރިތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ ޔުނައިޓެޑްގެ އަމާޒަކީ މި ސީޒަނުގެ ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރުން ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މުބާރާތައް އިހުތިރާމް ކުރަން. ސްޕޮންސަރުންނަށް އިހުތިރާމް ކުރަން. އިދިކޮޅަށް ނުކުންނަ ޓީމުތަކުން މޮޅުވާން ކުރާ މަސައްކަތް އަހަރެމެން ވެސް ކުރާނަން. އަހަރެމެން ކުޅޭނީ މޮޅުވާން. ޔުނައިޓެޑްގެ އަމާޒަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން،" އޭނާ ބުންޏެވެ.