ޒުވާން ދެ ޓީމު ވެސް ބަލިވެއްޖެ
ޒުވާން ދެ ޓީމު ވެސް ބަލިވެއްޖެ

ސަރަހައްދީ ދެ މުބާރާތެއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް އިއްޔެ ދަށް ނަތީޖާތަކެއް ކުރިމަތިވެއްޖެ އެވެ.

ބޫޓާނުގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިއްޔެ ބަންގްލަދޭޝް އަތުން ރާއްޖެ 2-0 އިން ބަލިވެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. އަދި 16 އަހަރުން ދަށުގެ ޓީމު ވަނީ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އޮމާން އަތުން ތަފާތު ބޮޑުކޮށް 8-0 އިން ބަލިވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމު ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން ބަލިވިއިރު ބަންގްލަދޭޝް އަތުން އިއްޔެ ބަލިވުމާ އެކު މިހާރު އޮތީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުލުގަ އެވެ. ރާއްޖެ އަށް ދެން އޮތީ ޖޫނިއާ ލެވެލުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަކޮށް ފެންނަ ދެ ޓީމު ކަމަށްވާ އިންޑިއާ އާއި ނޭޕާލެވެ.

އިއްޔެ މެޗުގައި ބަންގްލަދޭޝް އިން ރާއްޖެ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ނުވަ ވަނަ މިނެޓުގަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ 14 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން އެއްވެސް ލެވެލެއްގައި ރާއްޖެ ބަލިވި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގަ އެވެ. ބޫޓާން އަތުން ބަލިވި ބަލިވުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެ ޓީމު އަތުން އެއްވެސް ލެވެލެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ކޮންމެ ދުވަހަކު ވެސް ކުރިއެރުން ފެންނަ ކަމަށެވެ. އޭނާ ބުނީ ބަންގްލަދޭޝަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެންވެ 2-0 ގެ ސްކޯލައިން އަކީ ނިސްބަތުން ރަނގަޅު ސްކޯއެއް ކަމަށެވެ.

ބަންގްލަދޭޝް އާއި ބޫޓާން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިފަ އެވެ. ނޭޕާލާއި އިންޑިއާ އާއި ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ. މީގެ ތެރެއިން ނޭޕާލާއި އިންޑިއާ އަދި ކުޅެފައިވަނީ އެންމެ މެޗެކެވެ.

މުހައްމަދު ޝާޒްލީގެ ކޯޗުކަމުގެ ދަށުން އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ޓީމު އިއްޔެ އޮމާން އަތުން 8-0 އިން ތަފާތު ބޮޑުކޮށް ބަލިވިއިރު ބާކީ ދެން އޮތީ ތަޖިކިސްތާނާއި ސީރިއާ މެޗެވެ. ހަތަރު ޓީމު ވާދަކުރާއިރު މުބާރާތަށް ކޮލިފައިވާނީ އެއް ވަނަ ޓީމާއި ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކެވެ.