ރައްޔިތުންގެ ބާރު ބޭނުން ކުރުމަށް މަހްލޫފް ގޮވާލައްވައިފި
ރައްޔިތުންގެ ބާރު ބޭނުން ކުރުމަށް މަހްލޫފް ގޮވާލައްވައިފި

ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުން ހިފުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި މަހްލޫފް ވިދާޅުވީ ދައުލަތުގެ އެއް ބާރު ކަމުގައިވާ މަޖިލިސް "ޕެރެލައިޒް" ކޮށްލާފައި އޮތްއިރު، މިއީ ސައްހަ ދައުލަތެއް ކަމުގައި ބުނުމުގެ ޖާގައެއް މިހާރު ނެތް ކަމަށެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ރައްޔިތުން ތަމްސީލް ކުރާ މެންބަރުން ގާނޫނު ހަދާ މަޖިލީހުގައި ގިނަކޮށްފައިވަނީ ރައްޔިތުން ބާރުވެރިކުރުވުމަށެވެ. ނަމަވެސް ރައްޔިތުންގެ ބާރު ކަމުގައިވާ މަޖިލިސް، ސަރުކާރުން ފޭރިގަނެ، ހައިޖެކްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން (މެމްބަރުންނަށް) ދިން ބާރު ފުރިހަމައަށް އަދާކުރެވޭ ތަނެއް ނުވެސް ފެނޭ. އެކަން ކުރުމުގެ ފުރުސަތެއް ނެތް. އެހެންވެގެން އަޅުގަނޑު މި ދެންނެވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވޭ، ރާއްޖޭގެ ވެރިކަމަށް ގެންނާނެ މީހަކު ނިންމާނީ ރައްޔިތުންނޭ. ވަކި ކުރަން ވެސް އެކަން ކުރާނީ ރައްޔިތުންނޭ. އެ ބާރުގެ ބޭނުން ކުރެއްވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލަން،" މަހްލޫފް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މެމްބަރުންނާ ދެކޮޅަށް ދައުވާ ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި، މަހްލޫފް ވަނީ ރައީސް އަބްދުﷲ ޔާމީނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މަހްލޫފް ވިދާޅުވީ ރައީސް ޔާމީނާއި އަބްދުﷲ ސައީދު ވަކިކުރުމުގެ ބާރު ވެސް ލިބިފައި އޮތީ މެމްބަރުންނަށެވެ. ނަމަވެސް ގާނޫނު އަސާސީގައިވާ ޝަރުތެއް އުނި ނުވަނީސް މެންބަރަކު ވަކިކުރެވޭނެ ގޮތެއް ނެތުމުން ވެސް ރައްޔިތުންގެ ބާރުވެރިކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ލިސްޓަކަށް ކަމަށް މަހްލޫފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި ފްލެޓް ލިބުނު މީހުންނާ ބެހޭ ތަފްސީލްތައް ހާމަކޮށް ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރޭގައި ފަނޑިޔާރުންނާއި ވިޔަފާރިވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނިވަޑައިގަންނަވަ އެވެ.