ލަސްވިޔަސް ބިލްތަކަށް ފައިސާ ދޫކުރާނެ: އާސަންދަ
ލަސްވިޔަސް ބިލްތަކަށް ފައިސާ ދޫކުރާނެ: އާސަންދަ

ސަރުކާރުން ހިންގާ އިންޝުއަރެންސް ސްކީމް، އާސަންދައިގެ ދަށުން ޚިދުމަތް ދޭ ތަންތަނުން ފޮނުވާ ބިލްތަކަށް ފައިސާ ދޫކުރުން ލަސްވިޔަސް އެ ފައިސާ ދައުލަތުން ދޭނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އާސަންދައިގެ ޚިދުމަތްދޭ އަމިއްލަ ތަންތަނަށް ގަވާއިދުން ފައިސާ ނުލިބޭތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އަމިއްލަ ކްލިނިކްތަކާއި ބޭސް ފިހާރަތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނަށް އަރާފައިވެ އެވެ.

އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭ ތަންތަނާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ ޚިދުމަތް ދޫކުރާތާ 90 ދުވަސް ހަމަވުމުގެ ކުރިން ފައިސާ ދެއްކުމަށެވެ. އެކަމަކު އެ މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައި ނުވާ ތަންތަން ހުރި ކަމަށް ވެ އެވެ.

އާސަންދައިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ވިދާޅުވީ ދައުލަތުން ފައިސާދޭން ޖެހޭ ފަރާތްތަކަށް އެ ފައިސާދޫކުރާނެ ކަމަށެވެ. ބައެއް ފަހަރު ލަސްވިޔަސް ހުސްނުވާ އާސަންދައިގެ ބިލްތަކަށް ވެސް ފައިސާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ދޫނުކޮށް ލަސްވާ ސަބަބެއް ހަސަން ވިދާޅެއް ނުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ނިންމައި ރިޕޯޓް އާއްމުކުރާއިރު އާސަންދަ ޚިދުމަތްދޭ އަމިއްލަ ތަންތަނަށް ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު އާއްމުކުރާނެ އެވެ.

ހަސަން ވިދާޅުވީ އާސަންދަ ބަޖެޓުން އެންމެ ގިނަ ހޭދައެއްކޮށްފައި ވަނީ ރާއްޖޭގެ ފާމަސީތަކާއި ބޭރުގެ ހޮސްޕިޓްލަތަކަށް ކަމަށެވެ. ފާމަސީތަކަށް ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ރާއްޖެ އިން ބޭރަށް 60 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް މި އަހަރު ދޭން ބަޖެޓުގައި ދޭން ކަނޑައެޅީ 731 މިލިއަން ރުފިޔާ އެވެ.