އަނަސްގެ މަރާ ގުޅިގެން ދެމީހަކު ހޯދަނީ
އަނަސްގެ މަރާ ގުޅިގެން ދެމީހަކު ހޯދަނީ

މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ވަޅި ހަރައި އަނަސް މަރާލި މައްސަލާގައި ހޯދަނީ ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ސާޒް، 21، އަދި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު 21، އެވެ.

އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

ރ އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ދިން ވަޅީގެ ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައިވެ އެެވެ.