ޑެމްބެލޭގެ ބަދަލުގައި އާ ކުޅުންތެރިއަކު ނުހޯދާނެ
ޑެމްބެލޭގެ ބަދަލުގައި އާ ކުޅުންތެރިއަކު ނުހޯދާނެ

ބާސެލޯނާ (ސެޕްޓެމްބަރު 20) – ބާސެލޯނާގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސަބަބުން ޖެނުއަރީގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިއަކު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ކްލަބުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ ދޫކޮށް ނޭމާ ދިއުމުން، އެ ޓީމު ވަރުގަދަކުރުމުގެ ގޮތުން ބޮޑު އަގެއްގައި ގެނައި ޑެމްބެލޭ އަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ގެޓަފޭ އަތުން 2-1 އިން ބާސެލޯނާ މޮޅުވި މެޗުގަ އެވެ. ޑެމްބެލޭގެ ފަލަމަސްގަނޑުން ބައެއް އިރައިގެން ގޮސްފައިވާއިރު މިހާރު ވަނީ އޮޕަރޭޝަންކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ޑެމްބެލޭ އަށް ޖެނުއަރީގެ ކުރިން ކުޅުމުގެ ތެރެއަށް ނާދެވޭނެ އެވެ. އަދި މުޅިން ފިޓްވެގެން އޭނާ އަށް ކުޅެން ނުކުމެވޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގެ ތެރޭގަ އެވެ. އެހެންވެ ކުރިން ބެލެވިފައި އޮތީ ޖެނުއަރީ ޓްރާންސްފާ ފެށޭ ހިސާބަށް ކުޅުންތެރިން ހޯދުމުގެ ވިސްނުން ބާސެލޯނާ އިން ގެންއުޅޭނެ ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވީ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރަށް އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އަދި ޑެމްބެލޭ އެ ހިސާބަށް އެނބުރި އަންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ޑެމްބެލޭ އާ ވާހަކަދައްކައިފިން. އޭނާ އަށް ވަނީ އަސަރުކޮށްފައި. އެކަމަކު އެއީ އާއްމު ކަމެއް،" ބާޓޮމެއޫ ވިދާޅުވި އެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އާއި ޕީއެސްޖީގެ ވިންގާ އެންހެލް ޑި މާރިއާ އަށް މަސައްކަތްކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ޖެނުއަރީ މަހު އަނެއްކާ ވެސް އެ ކުޅުންތެރިން ހޯދަން މަސައްކަތްކުރާނެ އެވެ.

ބާސެލޯނާ މި ފަހަރު ނިކަމެތިވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ޓީމު އަދި ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމު ވަނީ ސްޕެނިޝް ލީގުގައި ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްފަ އެވެ.