ޖެނެރަލް ފޮންސެކާ އަށް އެމެރިކާ ވިސާއެއް ނުދިން
ޖެނެރަލް ފޮންސެކާ އަށް އެމެރިކާ ވިސާއެއް ނުދިން

ކޮލަމްބޯ (ސެޕްޓެމްބަރު 20) - އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ދިއުމަށް ވިސާ ނުދިން ކަމަށް ސްރީ ލަންކާގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާ ވިދާޅުވެއްޖެ އެވެ.

ރައީސް ސިރިސޭނާ ސަރުކާރުގެ ރީޖަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ފޮންސެކާ ވިދާޅުވީ އޭނާ އަށް ވިސާ ނުލިބުނީ ހަނގުރާމައިގައި ސިފައިން ހިންގި ކަމަށް ބުނާ ޖަރީމާތަކުގެ މައްސަލަ ހައްލު ނުވެ އޮތުމުން ކަމަށެވެ. ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައި އިރު ސިފައިންގެ ކޮމާންޑަރަކަށް ހުންނެވީ ފޮންސެކާ އެވެ.

ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރައީސް ސިރިސޭނާއާއާ އެކު ނިއު ޔޯކަށް ވަޑައިގަންނަވާ ވަފުދުގައި ފޮންސެކާ ވެސް ހިމެނުނެވެ. ނަމަވެސް ލަންކާ ވަފުދުން ވިސާ ނުލިބުނު ހަމައެކަނި ފަރާތަކީ ފޮންސެކާ އެވެ.

"އަޅުގަނޑަށް ވިސާ ނުލިބުނީ ސިފައިންނާ މެދު ކުރާ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކާ ގުޅިގެން. އެހެންވެ އަޅުގަނޑު ދަންނަވަމުން މިގެންދަނީ އެ މައްސަލަ ތަހްގީގުކޮށް ގޮތެއް ނިންމައިދޭށޭ،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮންސެކާ ވިދާޅުވި އެވެ.

ފޮންސެކާ ވިދާޅުވީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި "މަދު ކަންތައްތަކެއް" ހިނގި ނަމަވެސް އެ ކަންތަކުގެ ސަބަބުން ލަންކާ ސިފައިން ތަސައްވުރު ހުތުރުވެގެން ނުވާނެ ކަމަށެވެ.

ތަމަޅަ ޓައިގަރުން ބަލިކޮށް ލަންކާ ސިފައިން ކާމިޔާބު ހޯދީ 2009 ވަނަ އަހަރު އެވެ. ހަނގުރާމައިގެ ފަހު މަރުހަލާގައި ތަމަޅަ އާއްމުންގެ 40،000 މީހުން މަރާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ލަންކާ ސަރުކާރުން އެ ދުވަސްވަރު ބުނެފައި ވަނީ އާއްމުން ނުމަރާ ކަމަށެވެ. އަދި ފޮންސެކާ ވެސް ވަނީ އާއްމުންގެ އެއްވެސް މީހަކު މަރަން އަމުރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓައިގަރުން ބުނެފައި ވަނީ ހަނގުރާމައިގައި އައްޑަނަ އަކަށް އިންސާނުން ބޭނުންކޮށްފައިވާ ކަމަށެވެ.

ހަނގުރާމައިގައި ހިންގި ޖަރީމާތަކަށް ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވެ، އެ މައްސަލަތައް ތަހުގީގު ކުރަން ވަނީ ގޮވާލައިފަ އެވެ. ސިރިސޭނާގެ ސަރުކާރުން ވަނީ އެ މައްސަލަތައް ބަލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގު ފަށައިފައެއް ނުވެ އެވެ.