ކަނދުރާ މަސާޖުކޮށްލުމުން ވާގި ނެތިއްޖެ
ކަނދުރާ މަސާޖުކޮށްލުމުން ވާގި ނެތިއްޖެ

އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސެލޫނަކުން ކަނދުރާ މަސާޖުކުރި މީހެއްގެ ހަށިގަނޑު ވާގިނެތިއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އަޖޭ ކުމާރު ކިޔާ މި މީހާ އޭނާގެ ގޭދޮށުގައި ހުންނަ ބޯކޮށާ ތަނަކަށް ގޮސް ބޯކޮށައި ބޯ މަސާޖުކޮށްގެން ގެއަށް ދިޔައީ ވަރަށް ތާޒާވެގެން ކަމަށެވެ.

މިގޮތަށް ބޯ މަސާޖުކުރުމުގައި "ނެކް ކްރެކް" ކިޔާ ގޮތެއް ވެސް ހަދަ އެވެ. މިއީ ބޯ މަސާޖުކުރާ މީހާގެ ދަތްދޮޅީގައި ބޯކޮށައިދޭ މީހާ ހިފާފައި ކުއްލިއަކަށް ދެ ފަރާތަށް ކަރު އަނބުރާލައިގެން ކުރާ މަސާޖެކެވެ.

މި މީހާ ބޯ ކޮށައިގެން ގެޔަށް ދިޔަތާ މާ ގިނައިރެއް ނުވެ ނޭވާލާން އުނދަގޫވާ ކަހަލަ ގޮތްތަކެއް ވާން ފެށި އެވެ. މިވީ ގޮތަކީ "ނެކް ކްރެކް" ހެދުމުގެ ތެރޭގައި މި މީހާގެ ކަނދުރާގެ މުހިއްމު ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ވީ އެވެ. މި ނާރުތަކަކީ އެ މީހާގެ ޑައިފްރަމް ކޮންޓްރޯލްކުރާ ނާރުތަކެވެ. އިންސާނާއަށް ނޭވާ ލެވެނީ ނާރުތަކުން ޑައިފްރަމް ކޮންޓްރޯލް ކުރުމުންނެވެ.

މި މައްސަލަަތައް ދިމާވުމުގެ ސަބަބުން ކުމާރު މިހާރު އޮތީ މެކެނިކަލް ވެންޓިލޭޝަންގައި ބާއްވައިފަ އެވެ.

އޭނާއަށް ފަރުވާ ދޭ މެޑަންޓާ - ދަ މެޑިސިޓީގެ ޑައިރެކްޓަރު އޮފް ރެސްޕިރޭޓަރީ އެންޑް ސްލީޕް މެޑިސިން ޑރ. އާނަންދް ޖައިސްވާލް ވިދާޅުވީ ކުމާރަށް ނޭވާ ލައްވަން ފަސޭހަ ކުރުމަށްޓަކައި ނޮން-އިންވޭސިވް ވެންޓިލޭޝަންގައި ބާއްވާފައި އޮތް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އޭނާ އެގޮތަށް ބާއްވަން ޖެހޭނެ ކަމަށެވެ.

ޑރ. ޖައިސްވާލް ވިދާޅުވީ ކުމާރުގެ ޑައިފްރަމް ވަނީ ޕެރަލައިޒް ވެފައި ކަމަށާއި އޭނާއަށް މުޅި އުމުރަށް ވެސް ވެންޓިލޭޓާގެ ސަޕޯޓްގައި އޮންނަން ޖެހިދާނެ ކަމަށެވެ. ސަބަބަކީ ނާރުތައް އެހާ ފަސޭހައިން ރަނގަޅު ނުކުރެވޭތީ އެވެ.

"ބޯކޮށާ މީހުން މި ދޭ ކަރުގެ މަސާޖާއި "ނެކް ކްރެކް" އަކީ ފުރަތަމަ ފަހަރަށް ވަރަށް ފަސޭހަވާހެން ހީވި ނަމަވެސް ޒަމާންތަކަށް ދެމިގެންދާ ގެއްލުންތައް ކަރުގެ ޖޮއިންޓަށާއި އޭގެ ވަށައިގެންވާ ޓިޝޫތަކާއި މަސްތަކަށް ނުވަތަ ނާރުތަކަށް ވެދާނެ. އަދި މިކަމުގެ ސަބަބުން މި މީހާ އަށް ވީ ގޮތަށް ވާގި ނެތުމަކީ ވެސް އެކަށީގެންވާ ކަމެއް،" ޑރ. ޖައިސްވާލް ވިދާޅުވި އެވެ.