ނޯޔާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް
ނޯޔާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

މިއުނިކް (ސެޕްޓެމްބަރު 20) – ބަޔާން މިއުނިކުގެ ޖަރުމަން ގޯލްކީޕަރު މެނުއަލް ނޯޔާގެ ފައިތިލަ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް އޮޕަރޭޝަންކޮށްފައިވާ އިރު އޭނާ އަށް ޖެނުއަރީގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިއާގެ ވާތު ފައިގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ދިޔައީ ޕްރެކްޓިހުގަ އެވެ. އޭނާގެ ފައި އިއްޔެ ވަނީ އޮޕަރޭޝަންކޮށްފަ އެވެ. އޭނާގެ އެ ފައިގެ ކަށިކޮޅެއް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެނިކޮށް ވެސް ބިނދުނެވެ. އެހިސާބުން އޭނާ އަށް ޖެހުނީ އެ ސީޒަން ނިންމާލާށެވެ.

ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކީޕަރަށް އަނިޔާވުމަކީ ބަޔާނުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް ވެސް ލިބޭނެ ބޮޑު އުނިކަމެކެވެ. ނޯޔާގެ ބަދަލުގައި ބަޔާނުގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ ސްވެން އުލްރިއޭ އެވެ.

ބަޔާން އޮތީ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބެލްޖިއަމްގެ އެންޑަލެކްޓް އަތުން 3-0 އިން މޮޅުވެފަ އެވެ.