ކަޕިލް އާއި ސުނިލްގެ އަރާރުމުން ކުރި ލިބުނީ ކާކަށް؟
ކަޕިލް އާއި ސުނިލްގެ އަރާރުމުން ކުރި ލިބުނީ ކާކަށް؟

އިންޑިއާގެ ޓީވީ ޗެނަލްތައް ބެލުމަށް ޝައުގުވެރިވާ ގިނަ ބަޔަކަށް އެންމެ މަގުބޫލު އެއް ޕްރޮގްރާމަކީ ސޮނީ ޓީވީން ދެއްވި ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ. ނަމަވެސް ކަޕިލް ޝަރުމާ މާ ބޮޑަށް ބަލިވެ އުޅޭތީ މި ޝޯ ވަނީ މިހާރު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. އަދި އަވަހަށް މި ޝޯ އަލުން ފެށިދާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.

ޝޯ ނުފެށުނަސް ކަޕިލް ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ބެންގަލޯރުގެ ކްލިނިކެއްގައި އޭނާ ފަރުވާ ހޯދާފައި ވަނީ ބަނގުރަލަށް ދެވި ހިފައިގެން އެކަމުން ސަލާމަތްވާން ކަމަށްވެ އެވެ.

ކަޕިލް ވެސް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބަނގުރާ ބުއިމަށް ދެވި ހިފައި އެކަމުން ސަލާމަތް ނުވެވިގެން ސިއްހަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. މިކަމެއް ދިމާވެފައި ވަނީ ކަޕިލް ބުނިގޮތުގައި އޭނާގެ ޝޯގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ސުނިލް ގްރޯވަރާއި އެ ޓީމުގެ ބައެއް މެންބަރުންނާ ކަޕިލް ޖެހުނު މައްސަލަތަކުގެ ސަބަބުން ސުނިލް އާއި ގިނަ ބަޔަކު ކަޕިލްގެ ޝޯއާ ވަކިވުމުންނެވެ. އަދި މިކަމުގެ ސަބަބުން ކަޕިލްގެ ހާލު ވަރަށް ބޮޑަށް ގޯސްވެ، މަޝްހޫރު ފިލްމީ ތަރިންނާއެކު ޝޫޓްކުރަން ހުރި ގިނަ އެޕިސޯޑްތަކެއް ވެސް ކެންސަލް ކުރަން ޖެހި ފިލްމީ ތަރިން އޭނާ ދެކެ ރުޅި އަންނަ ހިސާބަކަށް ކަންތައް ދިޔަ އެވެ.

އެންމެ ފަހުން ސޮނީ އާއި ކަޕިލް މަޝްވަރާ ކުރުމަށްފަހު ކަޕިލް ރަނގަޅު ވަންދެން ޝޯ މެދުކަނޑާލަން ނިންމީ އެވެ.

ކަޕިލް 40 ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނަސް 12 ވަރަށް ދުވަހު އޮތުމަށް ފަހު އޭނާ ވަނީ ހޮސްޕިޓަލުން ނުކުމެފަ އެވެ. އެއީ ކަޕިލްގެ އާ ފިލްމު "ފިރަންގީ" ރިލީޒްވާ ދުވަސް ކައިރިވާތީ އެ ފިލްމުގެ ޕްރޮމޯޝަން މަަސައްކަތް ކުރުމަށެވެ. އެ މަސައްކަތް ނިމުނަސް މިހާރު ކަނޑައަޅާފައި ވަނީ އަހަރެއްހާ ދުވަސް ފަހުން ނޫނީ ކަޕިލް އަނބުރާ އޭނާގެ ޝޯގެ މަސައްކަތް ނުފަށާ ގޮތަށެވެ.

ކަޕިލް އާއި ސުނިލްގެ އަރާރުން އެންމެ ފަހުން ކުރި ލިބިފައިވަނީ ސުނިލް އަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ ސުނިލްގެ އާ ޝޯ އެއް ސޮނީ ޓީވީން ދައްކަން ތައްޔާރުވަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައި ވާތީ އެވެ.

ކަޕިލްގެ ޝޯ ދެއްކި ދުވަސްތަކުގެ ހަމަ އެ ގަޑީގައި ފަށަން ހަމަޖެހިފައިވާ މި ޝޯގައި ކަޕިލްގެ ޝޯގައި މަސައްކަތް ކުރި ވަރަށް ގިނަ ކޮމޭޑިއަނުން ބައިވެރިވާނެ ކަމަށްވެ އެވެ.

މި ޝޯ ފަށާކަން ސޮނީ ޓީވީން އަދި ސުނިލް ވެސް އަދި ޔަގީން ކޮށެއް ނުދެ އެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނަނީ ސުނިލްގެ ޝޯ އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.