30 ޖޫން 2016 - 11:44

ޓިއުރިން، އިޓަލީ (ޖޫން 30) - ލެސްޓާ ސިޓީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގަތުމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މަސައްކަތް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެ ޓީމުން އޭނާ ގެންނަނީ އަނިޔާގެ ސަބަބުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކްލައުޑިއޭ މާކީޒިއޯ ނެތްތަން ފޫބެއްދުމަށެވެ.
ލެސްޓާ ސިޓީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދެއްކި ކާންޓޭގެ ކޮންޓްރެކްޓް 25 މިލިއަން ޔޫރޯ އަށް އުވާލެވޭއިރު ޔުވެންޓަސް އިން އޮތީ އެ އަދަދު ދޭން ތައްޔާރަށެވެ.
މިހާރު ކުރިއަށްދާ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކާންޓޭ، 25، އަށް ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިވެ އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓާގެޓްކޮށްފައިވާ ޔުވެންޓަސް އިން އަންނަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ފޯވާޑް އަލްވާރޯ މޮރާޓާގެ ބަދަލުގައި އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ގަތުމަށް ވެސް މަސައްކަތްކުރަމުންނެވެ. ސަންޗޭޒަކީ ކުރިން އިޓާލިއަން ލީގުގެ އުދިނޭޒީގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.