21 ސެޕްޓެމްބަރ 2017 - 06:28

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ހެލީ ބެރީގެ ދެވަނަ ކައިވެނި މިދިޔަ އަހަރުގެ ތެރޭގައި ރޫޅުނު ފަހުން، އޭނާގެ ލޯބީގެ ވާހަކަތައް އޮތީ ތަންކޮޅެއް ބޮޑަށް ފަނޑުވެފަ އެވެ. ފްރާންސްގެ އެކްޓަރު އޮލިވިއާ މާޓިނެޒް އާއި ހެލީ 2013 ގައި ކުރި ކައިވެނި މިދިޔަ އަހަރު ނިމުމަމަކަށް އައީ ކުއްޖަކު ވެސް ލިބިފައި ވަނިކޮށެވެ.
ހެލީ އަށް އެހެން ގުޅުމެއްގެ ތެރެއިން ވެސް 2008 ގައި އަންހެން ކުއްޖަކު ލިބިފައިވެ އެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނީ ކުރީ އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު އެރިކް ބެނެޓްއާ އެވެ. ދެހާސް އެކެއްގައި ކުރި އެ ކައިވެނި ރޫޅުނީ 2005 ގަ އެވެ.
ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މާޓިނެޒްއާ ވަކިވިތާ އަހަރެއްހާ ދުވަސް ފަހުން، ޖެލީގެ ހަޔާތަށް މިހާރު އައިސްފައި ވަނީ އިނގިރޭސިވިލާތުގެ މިއުޒިކް ޕްރޮޑިއުސަރެކެވެ. އެއީ އެލެކްސް ދަ ކިޑް އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން ސީރިއަސްކޮށް ރައްޓެހިވެގެން އުޅޭތާ މިހާރު ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.
މި ފަހުން ހެލީ އާއި އެލެކްސް އެކުގައި ފެނިފައި ވިޔަސް، އެ ގުޅުމާ ބެހޭ ގޮތުން ހެލީ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނާ މިހާރު ވަނީ އެ ގުޅުމާ ދޭތެރޭ އޮތް ޝައްކު ފިލުވައިދޭ ކަހަލަ ކަމެއްކޮށްފަ އެވެ.
އިސްޓަގްރާމްގައި ހެލީ ވަނީ އެލެކްސްއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މާ ބޮޑު ތަފުސީލަކަށް ނުގޮސް "ސްވޯޑް ފިޝް" އާއި "ޑައި އެނަދަ ޑޭ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ކެޕްޝަނަކަށް ލިޔެފައި ވަނީ "މައި ބެލެންސް" އެވެ.
މީޑިއާތަކުން މި ވާހަކަ ގެނެސް ދީފައި ވަނީ އެ ފޮޓޯ އިން ހެލީ ޔަގީންކޮށް ދިން އެއްޗަކީ އޭނާ އުޅެނީ އެލެކްސްއާ ލޯބީގެ ގޮތުން ގުޅިގެންކަމެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހެލީ، 51، ގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 18 ގައި ރިލީޒް ކުރި "ކިންގްސްމަން: ދަ ގޮލްޑެން ސާކަލް" އެވެ. އޭނާ އަށް އެންމެ މޮޅު ބަތަލާގެ އޮސްކާ ލިބުނީ މޮންސްޓާޒް ބޯލް (2001) އިންނެވެ.