30 ޖޫން 2016 - 14:19

މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ އާ އުޅަނދުތައް ބޭނުން ކުރަން ފެށުމުން، މިހާރުގެ ގިނަ ޝަކުުވާތައް ހުއްޓޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ އަބްދުﷲ ޖުނައިދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުދާ ނެރުން ލަސްވުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ. ޗައިނާގެ "ސަނީ" ކުންފުންޏާ ހަވާލުކޮށްގެން ގެންނަ 22 އުޅަނދުގެ ސަބަބުން އެތަނުގެ މަސައްކަތް ފަސޭހަވެ، ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
އަލަށް ގެންނަނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ. ކުރި އަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަން އެއްބަސްވެފައިވާ މި އުޅަނދުތަކަށް 140 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
"މުޅިން އަލަށް މި ގެންނަނީ އެމްޓީ ކޮންޓެއިނާ ހޭންޑްލާ. މިހާރު ހުރި އެއްޗެހި ބޭނުންކޮށްގެން މަތި މައްޗަށް ޖެހެނީ ހަތަރު ކޮންޓެއިނަރު. މި ގެންނަ ވެހިކަލުން އަށް ކޮންޓެއިނަރު ޖެހޭނެ. އެއިން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ބަނދަރުގެ ޖާގަ އިތުރުވުން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޖާގަ ނުލިބިގެން ހުސް ކޮންޓެއިނަރު ގެންދަން ޖެހެނީ ހުޅުމާލެ އަށް ކަމަށެވެ. އަދި ބާޖަކަށް ލައިގެން ގެންދަން ޖެހޭތީ އެއީ އިތުރު ވަގުތާއި ހަރަދު ހޭދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ދިމާވާ އަނެއް މައްސަލަ އަކީ، ޖުނައިދު ވިދާޅުވި ގޮތުގައި، އެކަށީގެންވާ ވެހިކަލް ނެތުމުން ކޮންޓޭނަރު ކްލިއާ ކުރާ ޕޮއިންޓަށް ނުގެންދެވި ބަހައްޓަން ޖެހުމެވެ. ނަމަވެސް އަލަށް ގެންނަ ސާމާނުތަކުގެ ތެރޭގައި، ކްލިއާ ކުރާ ޕޮއިންޓަށް ކޮންޓެއިނަރުތައް ގެންދަން ބޭނުންކުރާ ވެހިކަލް ހިމެނޭ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"މިހާރު އޮންނަ ގޮތުން ދެ ދުވަސް ކުރިން ކޮންޓޭނަރު ކްލިއާ ކުރަން އެދެން ޖެހޭ. އެއީ ޖާގައިގެ ދަތިކަމުންނާއި އެކަށީގެންވާ ސާމާނު ނެތީމަ. މި ގެންނަ އުޅަނދުތަކުން އެ މައްސަލަ ހައްލު ވާނެ،" އޭނާ ވިދާޅުވި އެވެ.