ސިފައިންނާއި ސީލައިފަށް ރަނގަޅު ފެށުމެއް
ސިފައިންނާއި ސީލައިފަށް ރަނގަޅު ފެށުމެއް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބާއި ސީލައިފް ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ގްރޫޕުގެ ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބް ވަނީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ވަން އެންޑް އޮންލީ ރީތި ރަށް ބަލިކޮށްފަ އެވެ. ސިފައިން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-09، 25-14 އަދި 25-16 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ދެ ވަނަ ޑިވިޝަނުން މި ފަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ސީޒަންގެ ތިން ތަށްޓައް އަމާޒުކޮށްގެން ނުކުތް ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ވަރުދަކޮށް އޮތް ސީލައިފުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-14، 25-06 އަދި 25-07 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސީލައިފަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އަލީ ހުޒާމް (ހުޒާންޓެ) އެވެ.

މި މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕުގައި ހިމެނެނީ މޯލްޑިވިއަން، އެސްޕިރޭޝަނާއި، ޕޮލިސް އަދި މަލްސަން އެވެ. އަދި ދެ ވަނަ ގްރޫޕްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ސީލައިފް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތި ރަށް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މޯލްޑިވިއަން ނުކުންނާނީ މަލްސަންއާ ދެކޮޅަށެވެ. އަދި މިރޭގެ މެޗުގައި ޕޮލިސް ކުޅޭނީ އެސްޕިރޭޝަނާ ދެކޮޅަށެވެ.