އިދިކޮޅު ލީޑަރުން ވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވަންވީ: ސައީދު
އިދިކޮޅު ލީޑަރުން ވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވަންވީ: ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވަންވީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމަށާއި އެ މަނިކުފާނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ރ. މީދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މުޅި އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދު ކުރިއަރަމުން އަންނަނީ ރާއްޖޭގައި ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ސައީދު ވިދާޅުވި ގޮތުގައި ގައުމުގެ ހުންގާނުގައި ހުންނެވީ ފިސާރި ލީޑަރެކެވެ. ރައީސް ޔާމީންގެ ހިންގުންތެރިކަން ފެނިފައި އަޖައިބުވެ، އަންތަރީސްވެގެން ހިނގައްޖެ ކަމަށާއި އެ މަނިކުފާނުގެ ހިތްޕުޅުގައި އޮންނަ އިހްސާންތެރިކަން ފެނިފައި އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިދިކޮޅުގައި ތިއްބެވި ލީޑަރުންގެ ތެރެއިން ބޭފުޅަކު ގައުމުގެ ހުންގާނުގައި ހުންނެވި ނަމަ، ގައުމަށް ދިމާވާ ކަންކަމުން ބިރުން ސިއްސައިގެން ގޮސް، ހަމަ އޭގެ އަނެއް ދުވަހު އިސްތިއުފާ ދެއްވާފައި ފިއްލަވާނެ،" ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްއާ އެންމެ އަރިހުގައި މަސައްކަތް ކުރައްވާ ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ތާރީހު ނުދެކޭ ވަރުގެ ވެރިއެއް ކަމަށާއި އެ މަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މީދު އަށް އެކަނި ބަލާއިރު، އެ ރަށުގައި 120 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުން އަންނަ ކަމަށާއި މިއީ މައުމޫންގެ ވެރިކަމުގައި ނުކުރެއްވުނު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގެ މުގޫ އަދި ތަރައްގީގެ ތަޅުދަނޑި އޮތީ ޕީޕީއެމްގައި ކަމަށާއި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރާނެ ވިސްނުން ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ޕީޕީއެމުން ވަކި ކުރުމާ ގުޅިގެން މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދެވި ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ އިއްޔެ އަށް 60 ދުވަސް ވަނީ ހަމަވެފަ އެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަންޖެހޭނެ އެވެ.

އެ މުއްދަތު ފާއިތުވެފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވެސް އިންތިހާބު އިއުލާނެއް ނުކުރެ އެވެ.