ބާސާ އާއި މެސީ އަށް ހުއްޓުމެއް ނެތް
ބާސާ އާއި މެސީ އަށް ހުއްޓުމެއް ނެތް

ބާސެލޯނާ (ސެޕްޓެމްބަރު 20) – ލިއޮނަލް މެސީގެ ހަތަރު ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 6-1 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފަސް ވަނަ މެޗުން ފަސް ވަނަ މޮޅު ހަމަކޮށްފި އެވެ.

ބާސެލޯނާ އިން 15 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ސެވިއްޔާ އެވެ. ތިން ވަނައިގައި ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން އޮތީ ވެލެންސިއާ އެވެ. ވާދަވެރި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެގެން އަށް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. މިރޭ އެ ޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ރޭ އެއިބާ އަތުން އެ ޓީމު މޮޅުވިއިރު ފުރަތަމަ ގޯލް 20 ވަނަ މިނެޓުގައި މެސީ ޖެހީ ޕެނަލްޓީއަކުންނެވެ. ދެ ވަނަ ލަނޑު 38 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ޕައުލީނިއޯ އެވެ. އޭގެ ފަހުން ޑެނިސް ސުއަރޭޒުގެ ގޯލުން ބާސެލޯނާ އިން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އެއިބާ އިން ތަފާތު ކުޑަކުރި އެވެ. އެކަމަކު މެސީ ވަނީ އިތުރު ތިން ގޯލް ޖަހައި ބާސެލޯނާ އަށް ފަސޭހަ މޮޅެއް ހޯދައިދީފަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ 6-1 ގެ ނަތީޖާ އަކީ އެއިބާ އަށް އިންސާފުވެރި ނަތީޖާއެއް ނޫން ކަމަށާއި އެ ޓީމުން ބާސެލޯނާ އަށް މައްސަލަތައް ކުރިމަތިކޮށް ޕްރެޝަރު ކުރިމަތިކުރި ކަމަށެވެ.

ބާސެލޯނާގެ މެސީގެ ވިދުން މިދިޔަ ސީޒަނުގައި ކޮންމެވެސް ވަރަކަށް ފަނޑުވި ނަމަވެސް އޭނާ އަންނަނީ މި ސީޒަނުގައި އަނެއްކާ ވެސް ތަފާތު ދައްކަމުންނެވެ. އެގޮތުން ލީގުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އަތުން 3-0 އިން ބާސެލޯނާ މޮޅުވިއިރު ދެ ލަނޑު ޖެހީ އޭނާ އެވެ.