20 ސެޕްޓެމްބަރ 2017 - 09:59

ލަންޑަން (ސެޕްޓެމްބަރު 20) - ލެސްޓާ ސިޓީ އަތުން 2-0 އިން ބަލިވެ އިނގިރޭސި ލީގު ކަޕުން ކަޓައި ލިވަޕޫލަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު އެންމެ ފަހުން ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. ލީގުގައި މެންޗެސްޓާ ސިޓީ އަތުންވި ބޮޑު ބައްޔަށް ފަހު ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު، މިދިޔަ ހޮނިހިރު ލީގުގައި ވަނީ ބާންލީއާ އެއްވަރުވެފަ އެވެ.
ލިވަޕޫލް މިދިޔަ ސީޒަނުގައި ލީގު ކަޕުން ކެޓީ ސެމީ ފައިނަލުގައި ސައުތެމްޓަން އަތުންނެވެ. އަދި 2016 ވަނަ އަަހަރު ލީގު ކަޕް ފައިނަލުން ބަލިވީ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިން ނުލައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ އަށް ލިބުނު ފުރުސަތު ބޭނުން ނުކުރެވުނުއިރު، ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ބޯޅަ ލެސްޓާ ކީޕަރު ހެމާ ވަނީ މަތަކޮށްފަ އެވެ.
ލެސްޓާ އިން ދެ ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ލަނޑު ޖަޕާންގެ ފޯވާޑް ޝިންޖީ އޮކަޒާކީ ޖެހިއިރު، ދެ ވަނަ ލަނޑު ކާމިޔާބުކުރީ އަލްޖީރިއާގެ އިސްލާމް ސްލިމާނީ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައިރު، ލެސްޓާގެ ލަނޑަށް ފަހު އެ ލިވަޕޫލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ.
"މިކަހަލަ މެޗުތަކުގައި ލިބޭ ފުރުސަތުތައް ނުނިންމައިފިނަމަ ފަހުން އޭގެ ގެއްލުން ޓީމަށް ކުރާނެ. އަހަރެން އެންމެ ބޮޑަށް ކަންބޮޑުވަނީ ލެސްޓާގެ ފުރަތަމަ ގޯލަށް ފަހު ލިވަޕޫލް ކުޅުންތެރިންގެ ހަރަކާތް ހުރިގޮތް. ލެސްޓާ އިތުރަށް ވަރުގަދަވެގެންދިޔައިރު އަހަރެމެންނަށް ތިބެވުނީ މާ މަޑުން،" ކްލޮޕް ބުންޏެވެ.
ލެސްޓާގެ ކޯޗު ކްރެއިގް ޝޭކްސްޕެއާ ބުނީ އޭނާގެ ޓީމުން މި ސީޒަން ދަށްކޮށް ފެށި ނަމަވެސް ފަހަކަށް އައިސް ކުޅުން ރަނގަޅު ކުރަމުން އައި ކަމުގެ ހެއްކެއް ކަމަށެވެ.
ލީގު ކަޕުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބްރިސްޓަލް ސިޓީ އަތުން 2-0 އިން ސްޓޯކް ސިޓީ ބަލިވިއިރު، ކްރިސްޓަލް ޕެލަސް ވަނީ 1-0 އިން ހަޑްސްފީލްޑް ޓައުން ކަޓުވާލައިފަ އެވެ. އަދި ޕެނަލްޓީ ޖަހައިގެން ބާންލީ އަތުން ލީޑްސް ޔުނައިޓެޑް މޮޅުވިއިރު، ބްރައިޓަން އަތުން ބޯންމައުތު މޮޅުވީ 1-0 އިންނެވެ.