20 ސެޕްޓެމްބަރ 2017 - 11:25

ރައީސް އަބްދުﷲ ޔާމީން ރާއްޖެ އަށް އުފަންވެވަޑައިގަތުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށާއި އެ މަނިކުފާނާ މެދު އަޖައިބުވެއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި އަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމަށް ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި އިމާރާތްތައް ހަމައެކަނި "ހަތަރު ބުރި އަށް" ނެގުމުގެ ވިސްނުން ބަދަލު ކުރައްވައި، 25 ބުރި އަށް އިމާރާތް ކުރުމުގެ ވިސްނުން ބަދަލުކުރެއްވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ. ފަލާހު އިޝާރާތް އެ ކުރެއްވީ މާލޭގައި އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލަށެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ކޮށްދެއްވި މަސައްކަތްތަކަކީ ޕީޕީއެމްގެ މެނިފެސްޓޯގައި އެކަނި ހުރި މަސައްކަތްތަކެއް ނޫން ކަމަށެވެ.
"އޭގެ ތިން ގުނަ މަސައްކަތް (ރައީސް ޔާމީން) ކޮށްދީފި. މިހާރު މިދާ ވަރުން ދާނަމަ، މާލެ މަތިން އެ ދާ ފްލައިޓުތަކަށް މިހާރު އުދުހޭ ހިސާބަކުން ނުއުދުހެވޭނެ. މަތި ކުރަން ޖެހޭނީ،" ފަލާހު ވިދާޅުވި އެވެ.
"މިދިޔަ 40 އަހަރު އެ ހީވަނީ ބޯ މައްޗަށް ފްލައިޓް ވެއްޓި ދާނެހެން. މާލެ އެއް ފަޅި އަށް އަރިވެދާނެތީ ހަތަރު ބުރި އަށް އިމާރާތް ކުރުން މަނާ. މިއީ މި ރާއްޖޭގެ ވެރިކަން ކޮށްފައި ތިބި ވެރިންގެ ބޯހުރިވަރު"
ފަލާހު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ސަރަހައްދީ ގައުމުތަކުގެ ލީޑަރުން ވެސް ބައްލަވަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން އަވައްޓެރި ބައެއް ގައުމުތަކުގެ ވެރިން ވެސް އުޅުއްވާ ކަމަށާއި އެއީ ބޭސްފަރުވާ އަށް އެ ގައުމުތަކަށް ހަރަދުތައްކޮށްގެން ނުދާނެ ކަން އެނގޭތީ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށް ޕީޕީއެމްގެ މެމްބަރުން ހޮވަން ޖެހެނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ރައީސް ޔާމީން ކުރައްވާ މަސައްކަތަށް އިދިކޮޅު މެމްބަރުން މަޖިލީހުގެ ތެރެއިން ހުރަސް އަޅުއްވާނެތީ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިދިކޮޅު މެމްބަރުން ދައުލަތުގެ ބަޖެޓަށް ވޯޓު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، އެ މެމްބަރުންނަށް އޭނާ ފާޑު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުން ތިއްބެވީ ރައީސް ޔާމީނާއި ސަރުކާރުގެ ދިފާއުގައި "މޭ އައްޑަނައަކަށް" ދިއްކުރައްވައިގެންނެވެ. އެހެންވެ، މަޑުއްވަރީ ދާއިރާގެ ގޮނޑި އާއި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.