20 ސެޕްޓެމްބަރ 2017 - 09:56

އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ހިދުމަތަށް ނެރެ، ބޭނުން ކުރަން ފަށައިފި އެވެ.

ތިލަފުށީ އެމްޓީސީސީ ބޯޓުޔާޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އުޅަނދުތައް އިފްތިތާހު ކޮށްދެއްވީ، އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
އިއްޔެ ބޭނުން ކުރަން ފެށި "ޓެންގޯ 9" އަކީ 500 ހޯސްޕަވަރުގެ ދެ އިންޖީނު އަޅާފައިވާ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގެ ދިގުމިނުގައި 73 ފޫޓް ހުންނަ އިރު، ފުޅާމިނުގައި 21 ފޫޓް ހުރެ އެވެ.
"ހިތި" ބާޖުގެ ދިގުމިނުގައި 140 ފޫޓް ހުންނަ އިރު، ފުޅާމިނުގައި ހުންނަނީ 40 ފޫޓެވެ. އެ ބާޖުން 1،000 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން މިހާރު ވެސް އަންނަނީ ހަ ޓަގު ބޯޓާއި ނުވަ ބާޖް ބޭނުން ކުރަމުންނެވެ. އެ ކުންފުނިން ބުނީ އޭގެ ތެރެއިން ހަތަރު ބާޖާއި ޓަގުބޯޓް ބޭނުން ކުރަނީ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޮޑުހިލަ ރާއްޖޭން ބޭރުން ގެނައުމަށް ކަމަށެވެ. ދެން ހުރި އުޅަނދުތައް ބޭނުން ކުރަނީ އެ ކުންފުނީގެ ލޮޖިސްޓިކް މަސައްކަތްތަކަށް ކަމަށް ވެސް ބުންޏެވެ.
އާ ދެ އުޅަނދެއް ބޭނުން ކުރަން ފެށި އިރު، ރާއްޖޭގައި ބޯޓްފަހަރު އެހެލުމަށް ބޭނުންކުރާ އެންމެ ބޮޑު ބޯޓް ހޮއިސްޓާ އެކު އެ ކުންފުނީގެ ބޯޓް ޔާޑު ވަނީ މިދިޔަ ހަފުތާގައި އިފްތިތާހު ކޮށްފަ އެވެ.