ވަރުގަދަ ބިންހެލުމެއްގައި މެކްސިކޯގެ ވެރިރަށް ފުނޑުފުނޑުވެއްޖެ
ވަރުގަދަ ބިންހެލުމެއްގައި މެކްސިކޯގެ ވެރިރަށް ފުނޑުފުނޑުވެއްޖެ

މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 20) - މެކްސިކޯގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެ ވެރިރަށް މެކްސިކޯ ސިޓީގެ ގިނަ އިމާރާތްތައް ބިމާ ހަމަވެއްޖެ އެވެ.

ވަރުގަދަ ބިންހެލުމެއްގައި މެކްސިކޯގެ ވެރިރަށް ފުނޑުފުނޑުވެއްޖެ
ވަރުގަދަ ބިންހެލުމެއްގައި މެކްސިކޯގެ ވެރިރަށް ފުނޑުފުނޑުވެއްޖެ

ރިކްޓާ މިންގަނޑުން 7.1 ގެ ބާރު މިނުގެ މި ބިންހެލުން އައިސްފައި ވަނީ 1985 ވަނަ އަަހަރު މެކްސިކޯ އަށް އައި ބިންހެލުމަށް 32 އަހަރު ފުރުން ފާހަގަ ކުރަން ޑްރިލްއެއް ބާއްވަމުން ދަނިކޮށެވެ. އެ ފަހަރުގެ ބިންހެލުމުގައި ވަނީ 10،000 މީހުން މަރުވެފަ އެވެ. މި މަހު 10 ވަނަ ދުވަހު 8.1 ގެ ބާރު މިނުގައި މެކްސިކޯ އަށް އައި ބިންހެލުމެއްގައި ވަނީ 90 މީހުން މަރުވެފަ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ އެންމެ ފަހުގެ ބިންހެލުމުގެ އަސްލު ހުރީ ވެރިރަށް މެކްސިކޯ ސިޓީއާ 120 ކިލޯ މީޓަރު (75 މޭލު) ދުރުން 51 ކިލޯ މީޓަރު ބިމުއަޑީގައި ކަމަށެވެ.

ބިންހެލުމުގައި ވަނީ ވެރިރަށުގެ ދެކުން އޮންނަ މޮރެލޮސް ސްޓޭޓުން 55 މީހުން މަރުވެ އަދި ޕުއެބްލާ ސްޓޭޓުން 32 މީހުން މަރުވެފަ އެވެ. މެކްސިކޯ ސިޓީން 49 މީހުން މަރުވި އިރު މެކްސިކޯ ސްޓޭޓުން ވަނީ 10 މީހުން މަރުވެފަ އެވެ.

އޮފިޝަލުން ބުނީ މެކްސިކޯ ސިޓީގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ތިބީ ކަރަންޓުގެ ޚިދުމަތް ނެތި އެވެ. އަދި ބޮޑު ސަރަހައްދަކުން ވަނީ މުއާސަލާތީ ޚިދުމަތް ކެނޑިފަ އެވެ.

މެކްސިކޯ ސިޓީގެ މޭޔަރު މިގުއެލް އެންޖެލް މަންސެރާ ވިދާޅުވީ 44 ސަރަހައްދަކުން އިމާރާތްތައް މުޅިން ބިމާހަމަވެފައިވާ ކަމަށާއި މީހުން ސަލާމަތް ކުރާ މީހުން މިހާރު ދަނީ އިމާރާތްތަކުގެ ވެއްޓިފައިވާ ބައިތައް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މެކްސިކޯ ސިޓީގެ ދެކުނުން އޮންނަ ކޯޕާ ޑިސްޓްރިކްޓުގެ ސްކޫލެއް ވެއްޓުމުން ވަނީ މަދުވެގެން އަށް ކިޔަވާ ކުދިން މަރުވެފަ އެވެ. ވެއްޓިފައިވާ އިމާތްތަކުގެ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބި ކުދިން ހޯދުމަށް ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މެކްސިކޯ ސިޓީން ބިމާ ހަމަވި ތަންތަނުގެ ތެރޭގައި ހަ ބުރީގެ ފްލެޓް އިމާރާތްތަކަކާއި ސުޕަމާކެޓަކާއި ފެކްޓަރީއެއް ހިމެނެ އެވެ.