ނާޖާއިޒު
ނާޖާއިޒު

އާދިއްތަ ދުވަހާ ގުޅޭ

"ބުނީމެއްނު ނުނަގާށޭ!" އަހަރެން ވެސް ވާހަކަދެއްކީ އިނގެރޭސިބަހުންނެވެ.

"ފުހެލަންވީ؟" އޭނަ އެހިއެވެ.

އަހަރެން އެއްޗެއް ނުބުނަނީސް އޭނަ ފޮޓޯ ފުހެލިއެވެ. ނުވަތަ ފުހެލިކަމަށް ހެދުނެވެ. އޭނަ ފޯނާ ކުޅެލިއެވެ. ކުރީ ކީއްކަމެއް އަހަންނަކަށް ނޭނގެއެވެ. ރާނިޔާއަށް އެ ފޮޓޯ ފޮނުވައިލީ ނޫންކަމެއް ވެސް ނޭނގެއެވެ. އެ ވަގުތު ރެސްޓޯރަންޓަށް އެހެން ބަޔަކު ވަނެވެ. ވާހަކަ މެދުކަނޑައިލައިފައި އޭނަ ދާންޖެހުނެވެ. ދަންފަޅި ބަލަހައްޓަން އެ ވަގުތު ހުރީ އޭނަ އެކަނި ކަމުގައި ވާތީއެވެ. އިރުކޮޅަކުން އައެވެ. ހުސްވަގުތެއް ލިބޭއިރަށް އޭނަ އަންނާނީ ސަބަބެއް އޮވެގެންނެވެ. އެކަމަކު، އެ ތަނުގައި ތިބެގެން ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތުގައި އުތުރިއަރަނީ މުޅީން އެހެން ޝުޢޫރެކެވެ.

"މި ތަނުން ކިހާ ވަރެއް މުސާރަ ދެނީ؟" އަހަރެން އެހީމެވެ. "ކިތެއް ގަޑިއިރު މަސައްކަތްކުރަން ޖެހޭ؟"

އަނެއްކާ ވެސް އެހެން މީހަކު ރެސްޓޯރަންޓަށް ވަނެވެ. އަނެއްކާ ވެސް އޭނަ ދާންޖެހުނެވެ. އަހަރެން ބޭނުންވީ އެހެން މީހަކު ނެތް ތާކުން އޭނަޔާ ބައްދަލުކުރާށެވެ. ވަޒީފާ ބަދަލުކޮށްފާނަންތޯ އަހާށެވެ. އެ ފަދަ ވާހަކައެއް ބުނުމަށްޓަކައި އެ ރެސްޓޯރަންޓަކީ އެންމެ ރަނގަޅު މާޙައުލެއް ނޫނެވެ. އަޑުއިވޭ ހިސާބުގައި މީހުން ތިއްބެވެ. އަހަރެން ބޭނުންވީ އޭނަގެ ފޯނު ނަންބަރު ހޯދާށެވެ. ނަންބަރު ދޭން އެދެފިއްޔާ އޭނަ ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟ އަހަރުމެން ބައްދަލުވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަހަރުމެން ދެ މީހުންގެ ދެމެދުގައި އުމުރުގެ ބޮޑު ފަރަޤެއް ނެތިއެއް ނުދާނެއެވެ. އަހަރެންގެ އަންބެއް ހުރިކަން އޭނައަށް އެނގިފައި ވެސް އޮވެދާނެއެވެ. ހިތާމައަކީ، ވާހަކަދައްކާނެ އިތުރު ފުރުޞަތެއް އެ ރޭ ނުލިބުނުކަމެވެ.

އަހަރެން ގެޔަށް އައިއިރު ދަންވަރު ބާރަޖަހަނީއެވެ. ގެއަށް ވަނުމުގެ ކުރިން ވެސް ދެ ފަހަރަކު ވިސްނައިލީމެވެ. ކޮންމެ ކަމަކަށް ވެސް އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އެޕާޓުމަންޓުގެ ދޮރު ހުޅުވައިލީމެވެ. ރާނިޔާއެއް ނެތެވެ. ބޮކި ހުރީ ނިއްވައިލައިފައެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލީމެވެ. ރާނިޔާ އޮތީ ނިދައިފައެވެ. ނުވަތަ މަކަރުހަދައިގެންނެވެ. އަހަރެން ރާނިޔާގެ ފައިތިލައިގެ ދަށް ކޮއްޓައިލީމެވެ. ހޭލާ އޮތިއްޔާ، ތެޅިނުގަނެ އޭނައަކަށް ނޯވެވޭނެއެވެ. އެއްވެސް ޚަރަކާތެއް ނުކުރިއެވެ. ރާނިޔާގެ ފޯނު އަހަރެން ނެގީމެވެ. އެ ފޯނަކަށް އަހަރެންގެ ފޮޓޯ ފޮނުވައިފައެއް ނެތެވެ. ގުޅައިފައި ހުރި ނަންބަރުތަކުގެ ތެރޭގައި ޝައްކުވާ ކަހަލަ ނަންބަރެއް ވެސް ނެތެވެ. ޙަޤީޤަތުގައި އަހަރެންނަށް ލިބެންޖެހޭނީ ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް ދެން ހިތަށްއެރިއެވެ. ރާނިޔާއާ ގުޅުމެއް ނެތް ނަމަ، އަހަންނާ ދޭތެރޭގައި އެ އަންހެންކުއްޖާ ޚާއްޞަ ގޮތެއް ބަހައްޓަނީ ކީއްވެގެންބާއެވެ؟ ފޮޓޯނެގީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އޭނައަށް އެނގުނީ ހެއްޔެވެ؟

ދުވަހު ތާވަލުގެ ތެރެއަށް ހުޅުމާލެއަށް ދިޔުން އަހަރެން އިތުރުކުރީމެވެ. އޭނަޔާ ބައްދަލުކުރުމަށެވެ. އެހެން އެއްވެސް ބޭނުމެއް ނެތެވެ. އެކަމަކު، އެންމެ ފަހަރަކު ވެސް ވާހަކަދައްކާނެ ރަނގަޅު ދަނޑިވަޅެއް އަހަންނަކަށް ނުލިބުނެވެ. އަހަރެން ބޭނުންވީ އެ ރެސްޓޯރަންޓުން އޭނަ ނެރޭށެވެ. އަހަރެންގެ އަމިއްލަ ތަނަކުން މަތީ ވަޒީފާއެއް އޭނާއަށް ދޭށެވެ. އަހަރެންގެ ލޯކުރިމަތީގައި އޭނަ ބަހައްޓާށެވެ. ހިލޭފިރިހެނުންތަކެއްގެ ތެރޭގައި އޭނަ އެ ގޮތަށް އުޅޭކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އެކަމަކު އޭގެ ކުރިން، އަހަރެންގެ ހިތް ހުޅުވައިލަން ބޭނުންވިއެވެ. އަހަރެންގެ ކުށްހީ ފިލުވައިލަން ވެސް ބޭނުމެވެ.

"ފޯނު ނަންބަރު ދީފާނަން؟" އެއްރޭ އަހަރެން އެދުނީމެވެ.

"ނޫން!" ޖެހިލުމެއް ނެތި އޭނަ އިންކާރު ކުރިއެވެ. "ނަންބަރު ދީފިއްޔާ ދެން ނުފެނިދާނެ. އަހަރެން ބޭނުން ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ދިމާވާން."

"އެއީ ކީއްވެ؟" އަހަރެން ސުވާލުކުރީމެވެ.

"އުފާވާތީ!" އޭނަ ޖަވާބުދިނެވެ. "ތިޔަށް ވުރެ ދެކޭހިތްވާ މޫނެއް ނެތް. ތިޔަށް ވުރެ ލޯބިވާ އެހެން މީހަކު ނެތް. ތި ގެޔަށް އަހަރެން ގެންދެބަލަ! އުނދަގޫވާނެތަ؟"

އަހަރެންގެ ހިތުގައި ޚިޔާލުތައް އެނބުރެން ފެށިއެވެ. ސަބަބެއް ނެތި އޭނަ އެހެނެއް ނުބުނާނެއެވެ. ބުނާކަށް ނުވެސް ކެރޭނެއެވެ. ގާތުގައި ތިބި މީހުންނަށް އިވިދާނެތީ އޭނަ ވާހަކަދައްކަނީ ވަރަށް މަޑުންނެވެ.

"ގެ ނޫން އެހެން ތަނެއް މާ ރަނގަޅުވާނެ،" އަހަރެން ޚިޔާލުދިނީމެވެ. "ސަފާރީ ނޫނީ ރިސޯޓަކަށް ވެސް ދެވިދާނެ. ހޮޓަލަކުން ވެސް މީޓުކޮށްލެވިދާނެ."

އަހަރެންގެ ހުށައެޅުން އޭނައަށް ކަމުދިޔަހެނެއް ހިޔެއް ނުވެއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ.

"ގެ ކަހަލަ ދެވަނަ ތަނެއް ނުހުންނާނެ،" އޭނަގެ ރާގު ސާދާވެފައި މާނަ ފުނެވެ. "އަހަރުމެން ދެ މީހުން އެކަނި. ވަރަށް ގިނަ ވާހަކަދައްކަން ބޭނުން. ގޭގަ އަންހެނުން އުޅޭނެ ދޯ؟"

އަހަރެން ވިސްނައިލީމެވެ. ރާނިޔާ ގޭގައި ނޫޅޭ ގަޑީގައި ކުދިން އުޅޭނެއެވެ. އަނެއްކޮޅުން، ސިންގަޕޫރަށް ފުރާ ދުވަސް ކައިރިވަނީއެވެ. އަހަރެން އިސްކަންދޭންވީ ކާކަށް ހެއްޔެވެ؟ ބޮޑަށް ލޯބިވާންވީ ކާކުދެކެ ހެއްޔެވެ؟

"މަށަށް އެބަ އެނގޭ ހަދަންވީ ގޮތް." އަހަރެން ވާހަކަ ކުރުކޮށްލީމެވެ.

ސިންގަޕޫރަށް ފުރަން އޮތް ދުވަހު ކުއްލި ކަމެއް އަހަންނަށް ކުރިމަތިވިކަމަށް ހެދީމެވެ. އަހަރެން ހީކުރީ ރާނިޔާއަށް ޝައްކުވާނެ ކަމަށެވެ. ސުވާލު ފުންޏެއް އޮއްސައިލާނެ ކަމަށެވެ. އެ އިން އެއްވެސް ކަމެއް ނުވިއެވެ.

"އެހެންތަ؟ ހަމަ ކުއްލިއަކަށް ކަމެއް ޖެހުނީ؟" މާނައިން ފުރިގެންވާ ރާގެއްގައި ރާނިޔާ ބުނެލިއެވެ. "ޖެހޭނެ ޖެހޭނެ!"

"ކިރިޔާ ވެސް ކެންސަލު ކުރެވެން އޮތް ނަމަ ކުރީމުސް،" އަހަރެން ބުނީމެވެ. "ފަހުން ގޮސް ޖޮއިން ކުރާނަން."

ރާނިޔާ ގާތަށް އައީ މަލާމާތުގެ ހިންޏެކެވެ. އޭގެ މާނަ އެނގޭނީ އޭނައަށް އެކަންޏެވެ. ކުދިން ގޮވައިގެން ރާނިޔާ ފުރިއެވެ. މުޅި ގެ އަހަންނަށް ހިތަކަށް ލިބުނެވެ. އޭރު ވެސް އަހަރެންގެ ހިތް ތެޅިފޮޅެނީއެވެ. ގަޑިން ރޭގަނޑު ނުވައެއް ޖެހިތަނާ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދޮރުކަޅީގައި ލޯޖަހައިފައި ބަލައިލިއިރު، މޫނުބުރުގާ އަޅައިގެން ހުރި މީހަކު ހުއްޓެވެ. އަހަރެން ދޮރު ހުޅުވައިލީމެވެ. އޭނަ އެތެރެއަށް ވަނުމާއެކު އަވަސް އަވަހަށް ދޮރު ލެއްޕީމެވެ.

"ކީއްވެ ބެލް ނުޖެހީ؟" އަހަރެން ބުނީމެވެ.

"މިހިރީ އަހަރެން ހުރި ގޮތް،" މޫނުބުރުގާ ނަގަމުން އޭނަ ބުންޏެވެ. "ކިހިނެއް ބެލް ހޯދާނީ؟ އެންމެ ފަހު ވަގުތު ކޮން ބަދަލެއް މި އައީ؟ ނަސީބެއްނު ހެޔޮވަރު ހެދުމެއް ލިބުނުކަން."

އެހާ ގާތުން އޭނަ ފެނުމުން ދުރުގައި ހުންނަން އަހަންނަށް އުނދަގޫވިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އެއީ، އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުމެވެ. އެކަމަކު، ކެތްތެރިކަން އިސްކުރީމެވެ. އޭނަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަމަކު، ބުނަން އުޅެނީ ކީކޭކަން އަހަންނަށް އިހުސާސް ކުރެވޭ ކަހަލައެވެ.

"އަހަރެންގެ ހުންނާނެ ތި ކަހަލަ ހެދުންލާ ކޮއްކޮއެއް،" އަހަރެން ބުނީމެވެ. "މި ގެއަށް ވަންނަތަން ފަހަރެއްގަ މީހަކަށް ފެނުނު ނަމަވެސް ހީކުރާނީ ތީ އޭނަ ކަމަށް. ކޮން ނަމެއްތަ ކިޔަނީ؟"

"އެލީނާ!" ވަރަށް އުފާވެފައި އޭނަ ބުންޏެވެ. "ގާތް މީހުން ކިޔަނީ އެލީ."

އަރިމަތީގައި ހުރި ސޯފާގައި އަހަރެން އިށީންނަމުން އެލީނާ ވެސް އިށީނުމަށް އިޝާރާތް ކޮށްލީމެވެ. އޭނަ އިށީނީ ސޯފާގެ މެދުގައެވެ. އޭނަ ލައިގެންހުރީ އަތްދިގު، ރަތް ކުލައިގެ ސުވިޓަރެއް ކަހަލަ އެއްޗެކެވެ. ފޯނު މޭޒުމަތީގައި ބާއްވައިފައި އޭނަގެ ދެފައި ވެސް ސޯފާއަށް ނެގިއެވެ. އަހަރެންގެ ހިތަށް ލިބިފައިވަނީ، ބުނަން ނޭނގޭ ކަހަލަ ހަމަޖެހުމެކެވެ.

"ހީކަރުވަނީތަ؟" އަހަރެން އެހީމެވެ. "އޭސީ ނިއްވައިލަން؟"

"ނޫންނޫން!" އޭނަ ޖަވާބުގައި ބުންޏެވެ. "އޯކޭވާނެ. ހާދަ ރީތި ގެޔެކޭ. ތީ މާލެގަ ހުރި އެންމެ މުއްސަނދި މީހާތަ؟"

އަހަރެން ގާތަށް ހިންޏެއްނައެވެ. އޭނަ ގެއަށް ވަނީއްސުރެ އަހަރެންގެ ހިތުގެ ހިނގުމަށް ހުރީ ބަދަލުއައިސްފައެވެ. ސުވާލު އުފެދެނީއެވެ. ހިތުގައި އޮތްގޮތަށް ކަންތައް ވާނެ ހެއްޔެވެ؟ އެއްވެސް ހިފެހެއްޓުމެއް ނެތި ހިތް ހުޅުވައިލަންވީ ހެއްޔެވެ؟ އެންމެ ފުރަތަމަ އަހަރެން ބޭނުންވީ ފޮޓޯއެއް ނަގާށެވެ. އެކަމަކު، ފޯނު ދިއްކޮށްލުމާއެކު ސުވިޓަރުގެ ކަރުން އޭނަގެ މޫނުގެ އެއްބައި ފޮރުވިއެވެ. ދެވަނަ ސިކުންތުގައި މޫނު ދެއްކިއެވެ. އަހަރެން ފޮޓޯނެގީމެވެ.

ވަރަށް ވިއްސާރަނަގާފަ އޮތީ،" ކަންބޮޑުވެފައި އޭނަ ބުންޏެވެ. "ވެހޭނެބާ؟"

"ހާސްނުވޭ! އިރުއަރަންދެން ވެސް މި ގޭގަ ހުރެވޭނެ،" އަހަރެން ޔަގީންކަން ދިނީމެވެ. "މާލެއައިތާ ކިހާ ދުވަހެއް ވެއްޖެ؟"

"ގާތްގަނޑަކަށް ދެ އަހަރު." ވަރަށް އަވަހަށް އޭނަ ޖަވާބުދިނެވެ.

އޭނަ ވާހަކަދައްކަމުން ފޯނުގެ ލޮކްކޯޑު ޖަހައިލިއެވެ. އަހަރެން ބަލަންއިންދައެވެ. އެއީ ކީއްކުރަން އޭނަ ކުރި ކަމެއްބާއޭ ހިތަށްއެރިއެވެ.

"ވެއިޓަރުކަން ވަރަށް ކުރާހިތް ވޭތަ؟" ދުރުދުރުން އަހަރެން ސުވާލުކުރީމެވެ.

އެލީނާ ވަރަށް އަވަހަށް ޖަވާބުދެއެވެ. އެ ވާހަކަތައް ކިޔައިދޭން އޭނަ ބޭނުންވެފައިވާ ކަހަލައެވެ.

"ވެއިޓަރަކަށް ވީމަ ވަރަށް ގިނަ މީހުންނާ ދިމާވާނެއްނު،" އެލީނާ ޖަވާބުދިނީ ފޯނާ ކުޅެމުންނެވެ. "މާލޭގެ ރެސްޓޯރަންޓެއްގަ ވެސް އުޅުނިން. ވިލިނގިއްޔަށް ވެސް ދިޔައިން. އެ އަށް ވުރެ ރަނގަޅު ވަޒީފާތައް އަހަންނަށް ހުށައެޅި. ފެންވަރު ވެސް އެބަހުރި. އެކަމަކު އަހަރެން ރަށުން އައީ ހުވަފެނެއް ހިފައިގެން. އާނ މި ރޭ ވާރޭ ވެހޭނެ. މޫސުން ދައްކަނީ އެ ގޮތަށް. ކާރެއް ގެންގުޅެންތަ؟"

"ކިހާ ދެރަކަމެއް،" ހީނގެންފައި އަހަރެން ބުނީމެވެ. "ދެންމެ ތި އައީ. އަދި ނުވެއެއްނު ނުދެވިގެން އުޅޭކަށް. ކާރާ ލޯންޗު ވެސް ހުންނާނެ. އެ ކަމާ ހާސްނުވެބަލަ! ކޮފީއެއް ބޭނުން؟"

"ވަރަށް ވަރަށް ބޭނުން،" އޭނަ ބުންޏެވެ. "ހޫނުހޫނުކޮށް އިނގޭ. ކޮބާ ފާޚާނާ؟"

އަހަރެން ދެއްކީ ކޮޓަރިއެވެ. އެލީނާ ކޮޓަރިއަށް ވަނެވެ. ލިބުނީ ރަނުގެ ފުރުޞަތެކެވެ. އެލީނާގެ ފޯނު ނެގީމެވެ. ލޮކްކޯޑު ޖަހައިލީމެވެ. އަހަރެން ބޭނުންވީ ފޯނުގައި ހުރި ފޮޓޯތައް ބަލާށެވެ. އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. އޭގައި އޮތީ އެންމެ ފޮޓޯއެކެވެ. އެއީ އެލީނާގެ ފޮޓޯއެއް ނޫނެވެ. އެ ފޮޓޯގައި ތިބީ ދެ މީހުންނެވެ. އަހަރެން އެ ފޮޓޯ ބޮޑުކޮށްލީމެވެ. އެ ވަގުތު އަހަރެންގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަހަންނަށް ގާވެފައި އިނދެވުނީއެވެ.

"މިހާރު އެނގިއްޖެއްނު އަހަންނަކީ ކާކުކަން." އެލީނާ ބުނި އަޑު އިވުނެވެ.

ނުނިމޭ