ސަމާލުވާންވީ ހަމައެކަނި ރޮނާލްޑޯ އަކަށް ނޫން، މުޅި ޓީމަށް: ޕޮލެންޑް ކޯޗު
ސަމާލުވާންވީ ހަމައެކަނި ރޮނާލްޑޯ އަކަށް ނޫން، މުޅި ޓީމަށް: ޕޮލެންޑް ކޯޗު

މާސޭ، ފްރާންސް (ޖޫން 30) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންވީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއާ މެދު އެކަނި ނޫން ކަމަށާއި މުޅި ޓީމާ މެދު ކަމަށް ޕޮލެންޑުގެ ކޯޗު އެޑަމް ނަވަލްކާ ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ހަންގޭރީ ކޮޅަށް ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ވެފައިވަނީ ޔޫރޯ ތާރީހުގައި ހަތަރު މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާ އަށެވެ. ޕޮލެންޑް ކޯޗު ނަވަލްކާ ބުނީ މިރޭގެ މެޗުގައި ރޮނާލްޑޯ އަށް މާ ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

"ރޮނާލްޑޯއާ ބެހޭ ވާހަކަ ދައްކަން ނެތިން. އެއީ މި ކުޅެނީ ދުނިޔޭގެ ފެންވަރު ކުޅުންތެރިން ތިބި ޕޯޗުގަލް ޓީމާ. ހަމައެކަނި ރޮނާލްޑޯ އަށް ސަމާލުވެގެން ކުޅެފިނަމަ އަހަރެމެންގެ މަގުސަދު ހާސިލެއް ނުވާނެ. އެއީ އެންމެ ކުޅުންތެރިއަކަށް ބަލައިގެން މުޅި ޓީމެއް ނުހުއްޓުވޭނެ،" ނަވަލްކާ ބުންޏެވެ.

އޭނާ ބުނީ ސެމީގެ ޖާގައެއް ހޯދަން ޕޯޗުގަލް ބަލިކުރަން ވިސްނާނަމަ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުން މުހިއްމު ކަމަށެވެ.

"އަހަރެމެންނަށް އެންމެ ބޮޑަށް ދިމާވެފައި މިވަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ މައްސަލަ. ލަނޑު ޖަހަން އެބަ ލިބޭ ވަރަށް ހުސް ފުރުސަތުތަކެއް. ޓީމުގެ ކެޕްޓަން ލެވަންޑޯސްކީގެ ލަނޑެއް އަދި މި މުބާރާތުގައި އަދި ނުފެނުނަސް އޭނާ ލަނޑު ޖަހާނެ،" ނަވަލްކާ ބުންޏެވެ.

ޕޯޗުގަލާއި ޕޮލެންޑު ވަނީ މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މިރޭގެ މެޗަކީ ޔޫރޯގައި މި ދެ ޓީމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ޕޮލެންޑް ވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ. އަދި 2002 ވަނަ އަހަރު ޕޯޗުގަލް މޮޅުވީ 4-0 އިންނެވެ.

ޕޯޗުގަލް އާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގަ އެވެ.