19 ސެޕްޓެމްބަރ 2017 - 15:00

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ރިލްވާން ގެއްލުނުތާ ތިން އަހަރު ފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުުން މިދިޔަ މަހު ވަނީ ތިން މީހަކަށް އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި ދައުވާކުރަނީ ގ. ހިލްޓަން އާލިފް ރައޫފާއި ސ. ހުޅުދޫ އަރިތިއާގޭ މުހައްމަދު ސުއައިދާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ވީތަނެއް އަދިވެސް ނޭނގެ އެވެ.
އެ މީހުންގެ މައްޗަށް ކުރަނީ އޭރު އަމަލުކުރަން ދިޔަ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހަކު ގަދަކަމުން ފޮރުވުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރިލްވާން ގެއްލުނުތާ ތިން އަހަރު ވެފައިވާއިރު އޭނާއަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ. އެ މައްސަލާގައި ބަޔަކު ކުރިން ހައްޔަރު ކުރިޔަސް އެ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ. ދައުވާލިބޭ ސުއައިދު ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ދޫކޮޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރިލްވާންގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ސުއައިދު ރާއްޖެއިން ބޭރަށް ދިޔައީ ސަރުކާރުގެ އިސްވެރިންތަކެއްގެ ބައިވެރިވުމާ އެކު އެވެ.