މި ނޫހުގައި ލިޔެފައި ހުންނަ ޓެކްނޮލޮޖީގެ ބައެއް ޚަބަރުތަކުގައި "ވާވޭ" އޭ ލިޔެފައި ހުންނާތީ އެއީ ކޯއްޗެއްހޭ ކިޔައި ކޮމެންޓްކުރާ މީހުން ގިނަ އެވެ. ޗައިނާގެ މި ޓެކްނޮލޮޖީ ކުންފުނީގެ ނަން އިނގިރޭސި ބަހުން ލިޔެފައި އިންނައިރު "ހުވާވޭ" އޭ ކިޔަނީ އަހަރެމެން ދިވެހިން އެކަންޏެއް ނޫނެވެ. އެކަމަކު އެ ގޮތް ނުބައެވެ.

ނަން ނުބައިކޮށް ކިޔާތީ އެކަން ބޮޑުވެގެން ކުންފުނިން ވީޑިއޯއެއް ހަދައި އާންމުކޮށްފައިވެ އެވެ. އެއީ 2012 ވަނަ އަހަރު އެވެ. އެކަމަކު އަދިވެސް މި ނަން ގިނަ މީހުން ކިޔަނީ ނުބައިކޮށެވެ. އެ ވީޑިއޯގައި ސުވާލުކުރި އެއްވެސް މީހަކަށް ނަން ރަނގަޅަށް ކިޔާކަށް ނޭނގެ އެވެ.

ހާވީ، ހޫވޭވީ، ހުވާވީ އަދި މި ފާޑަށް އެކި ނަންތައް މީހުން ކިޔާފައިވެ އެވެ. ދެން މި މީހުންނަށް އެ ނަން ކިޔަންވީ ގޮތް ވީޑިއޯގައި ބުނެދެ އެވެ. އެއީ "ވާވޭ" އެވެ.

އެ ވީޑިއޯ ހަދާފައި ވަނީ ވާވޭގެ ނަން ބައިނަލްއަގުވާމީ މާކެޓްގައި އެހާ ބޮޑަށް މަޝްހޫރު ނުވެ އޮއްވަ އެވެ. އޭރު އެއީ ކީއްކުރާ ކުންފުންޏެއްތޯ އެހުމުން ބައެއް މީހުން ބުނެފައި ވަނީ އެއާލައިނެއް ކަމަށެވެ. އެއީ މާ ވިއްކާ ވިޔަފާރިއެއްގެ ނަން ކަމަށް ވެސް ބުންޏެވެ. އެކަމަކު މިހާރު ވާވޭ މަޝްހޫރެވެ. މިހާރު އެއީ މޯބައިލް ފޯނު އުފައްދާ ދެ ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ.

ދެން ވެސް އޮތީ އާންމުކޮށް ނުބައިކޮށް ކިޔާ ނަމެކެވެ. އެއީ "ޝޯމީ" އެވެ. މިހެން ކިޔާތީ މީހުން ބުނަނީ ކިޔަން ޖެހޭނީ "ޒިއޯމީ" ކަމަށެވެ.

މި ނަމުގެ މައްސަލަ ވެސް ބޮޑުވެގެން ބީބީސީ ގައި އެކަމާ ބެހޭ ގޮތުން ލިޔެފައިވެ އެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި ޝޯމީ، ޒޯމީ، ސައިއޯމީ އަދި ޒިއޯމީ އަކީ ވެސް މީހުން ކިޔައި އުޅޭ ގޮތްގޮތެވެ. އެކަމަކު ބީބީސީން އެ މީހުންގެ ވެބްސައިޓްތަކާއި ބްރޯޑްކާސްޓަރުންނަށް އަންގާފައި ވަނީ "ޝޯމީ" އޭ ކިޔުމަށެވެ. އެކަމަކު ޗައިނާގައި ވެސް އެކި ހިސާބުތަކުގައި ވާހަކަ ދައްކާ އުޅޭ ބަހުރުވަ އާއި ރާގުގެ ގޮތުން އެކި ގޮތްގޮތަށް ކިޔަ އެވެ. އެކަމަކު ކުންފުނީގެ ރައީސް ވެސް ކިޔަނީ "ޝޯމީ" އެވެ. އެހެންވެ އެއީ ރަނގަޅު ގޮތް ކަމަށް ބަލަން ޖެހެ އެވެ.

ޗައިނާގެ ކުންފުނިތައް ދުނިޔޭގެ މާކެޓްގައި ގަދަކުރަމުން އަންނައިރު އެ ކުންފުނިތަކުގެ ނަން އިނގިރޭސި ބަހުން ލިޔުމުން އެކި ގައުމުތަކުގައި އެކި ގޮތަށް ކިޔުމުގެ މައްސަލަ ވަރަށް ބޮޑެވެ.