ވިވެކްގެ ދުވަސް ދުއްވާލީ ސަލްމާން؟
ވިވެކްގެ ދުވަސް ދުއްވާލީ ސަލްމާން؟

އެ ހާދިސާއަށް މިހާރު 15 އަހަރު ވެއްޖެ އެވެ. އެކަމަކު ހެދުނު އެންމެ ގޯހެއްގެ ހިތި ތަޖުރިބާ އަދިވެސް އޭނާއަށް ވަނީ ކުރަން ޖެހިފަ އެވެ.

ވިވެކް އޮބްރޯއީގެ ފިލްމީ ކެރިއަރު ފެށުނީ ވަރަށް ފުރިހަމަ އަށެވެ. އޭނާގެ "ކޮމްޕެނީ" އާއި "މަސްތީ" އަދި "ސާތިޔާ" އަށް ބޮޑު ކާމިޔާބެއް ލިބިފައިވެ އެވެ. ނަމަވެސް 2003 ހިނގައި ދިޔަ ކަންތައްގަނޑަކަށް ފަހު ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ތެރެއިން ގިނަ މީހުން ވިވެކަށް ފިލްމެއް ދޭން ބިރުގަނެ އެވެ.

މިކަމާ ބެހޭ ގޮތުން އިންޑިއާ ޓުޑޭއާ ވާހަކަ ދައްކަމުން ވިވެކް ބުނި ގޮތުގައި އޭނާ އާއި ސަލްމާން ޚާނާ ދެމެދު ޖެހުނު މައްސަލަ އެންމެ ވައްތަރީ އޭނާއާ ދެކޮޅަށް ބަޔަކު ނެރުނު "ފަތުވާ" އަކާ އެވެ.

ވިވެކްގެ ގާތް މީހަކު ބުނިގޮތުގައި ފިލްމު އިންޑަސްޓްރީން އޭނާ ބްލެކްލިސްޓްކުރަން ސަލްމާނަށް ކުރެވުނު ހުރިހާ ކަމެއް އެ ދުވަސްވަރު ސަލްމާން ކުރި އެވެ. އަދި ވިވެކް ސޮއިކޮށްފައިވާ ވަރަށް ގިނަ ފިލްމުތަކުން ވެސް ސަލްމާންގެ ނުފޫޒުން އޭނާ ވަނީ ވަކިކޮށްފަ އެވެ.

ނަމަވެސް ވިވެކްގެ ވެއްޓުމަކީ ހަމައެކަނި ސަލްމާންގެ ސަބަބުން ދިމާވި ކަމެއް ކަމަށް މުޅިއަކުން ނިންމޭކަށް ވެސް ނެތެވެ. ސަބަބަކީ ރަންބީރު ކަޕޫރާއި ޖޯން އަބްރަހަމަކީ ވެސް ސަލްމާން ހިތްހަމަޖެހޭ އެކްޓަރުން ނޫން ކަމަށް ވާތީ އެވެ. ނަމަވެސް އެމީހުންނަށް މިހާރު ވެސް ރަނގަޅު ފިލްމުތައް ކުޅެން ލިބެ އެވެ.

ސަލްމާނާއި ވިވެކާ ދެމެދު މައްސަލަ ޖެހުނީ އައިޝްވަރިޔާ ރާއީއާ ހެދި އެވެ. ވިވެކް އާއި އައިޝްވަރިޔާ ބައްދަލުވީ ސަލްމާނާ ރައްޓެހިވެގެން އައިޝްވަރިޔާ ވަރަށް ގިނަ ދުވަސްތަކަކު އުޅެފައި ރުޅިވި ތަނާ އެވެ. އޭރު އައިޝްވަރިޔާ އާއި ވިވެކް ދިޔައީ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ވިވެކް އާއި އައިޝްވަރިޔާގެ ލޯބީގެ ވާހަކަތަކެއް ވެސް އެ ދުވަސްވަރު ފެތުރުނެވެ.

ކޮންމެއަކަސް ވިވެކް ކުއްލިއަކަށް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ސަލްމާން އޭނާއަށް ފޯނުކޮށްގެން އުނދަގޫކުރާ ކަމަށް ބުނެ ވާހަކަ ދެއްކި އެވެ. އަދި އޭނާގެ ފޯނަށް 40 ވަރަކަށް އެސްއެމްއެސް ފޮނުވާފައިވާ ކަމަށް ބުނެ ވިވެކް ސަލްމާނާ ދެކޮޅަށް ވާހަކަ ދެއްކި އެވެ.

މި ޕްރެސް ކޮންފަރެންސާ ގުޅިގެން ސަލްމާން ރުޅިގަދަވެ ވިވެކާ ދެކޮޅަށް ތެދުވެ މުޅި ފިލްމު އިންޑަސްޓްރީގައި އޭނާގެ ނުފޫޒާއި ބާރު ފޯރާ އެންމެންނަށް ވިވެކް ބްލެކްލިސްޓްކުރަން އެންގި އެވެ.

އައިޝްވަރިޔާ އާއި ވިވެކްގެ ގުޅުން ވެސް މާ ގިނަ ދުވަހަކަށް ދެމިއެއް ނޯތެވެ. އޭނާއަށް ލިބުނީ އެ ގުޅުމުން ވެސް ބޮޑު ލަނޑެކެވެ. އައިޝްވަރިޔާ ދުވަހަކު ވެސް ވިވެކާ ރައްޓެހިވީ ކަމަކަށް އެއްބަހެއް ނުވެ އެވެ.

ވިވެކް ބުނާ ގޮތުގައި އައިޝްވަރިޔާ އޭނާއާ ރައްޓެހިވެގެން އުޅެމުން އަބީޝެކް ބައްޗަން އާ ލޯބީގެ ގޮތުން ގުޅުނީ އެވެ. އަދި އޭނާއަށް އައިޝްވަރިޔާ ލަނޑު ދިނީ ކަމަށް ވިވެކް ގަބޫލު ކުރެ އެވެ.

ކޮންމެއަކަސް ޒާތީ ދިރިއުޅުމާއި ފިލްމީ ކެރިއަރުގައި ވެސް ވިވެކް އަށް ލިބުނީ ލަނޑެވެ. އެއަށްފަހު އޭނާގެ ހަޔާތަށް ބޮޑު ތޫފާނެއް ލައިގެން އުޅޭ ފަދަ ގޮތަކަށް ވިވެކް ގިނަ ދުވަސްތަކެއް ހޭދަ ކުރި އެވެ. އެއްވެސް މީހަކު އޭނާއަށް ފިލްމެއް ދޭން އެއްބަސް ނުވާ ތަނުގައި، ދީފައި ހުރި ފިލްމުތައް ވެސް އަތުލީ އެވެ.

އެގޮތަށް އެތައް އަަހަރެއް ފަހުން "ޝޫޓްއައުޓް އެޓް ލޯކަންޑްވާލާ" ކިޔާ ފިލްމެއް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެއް ނަމަވެސް އޭގެ ފަހުން ވެސް އަހަރެއްހާ ދުވަހު އެއްވެސް މަަސައްކަތެއް ނެތިފައި އޭނާ ގޭގައި ހުއްޓެވެ.

ނަމަވެސް ވިވެކަށް ދިމާވި ކަންތައްތަކުގެ ޒިންމާ ސަލްމާން އުފުލަން ނުޖެހޭނެ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އެވެ. އެމީހުން ބުނަނީ ވިވެކް އަށް ލަނޑު ލިބުނީ އޭނާ ކުޅެން ޚިޔާރުކުރި ފިލްމުތަކުގެ ސަބަބުން ކަމަށެވެ. އޭނާއަށް "ހަމް ތުމް" އާއި "ބަންޓީ އައުރު ބަބްލީ" އަދި "އޯމް ޝާންތީ އޯމް" ފަދަ ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ އެ ފިލްމުތައް ނުކުޅެ ދޫކޮށްލީ އެވެ.

ކޮންމެ އެކްޓަރެއް ނަމަވެސް ކާމިޔާބުނަމަ މީހުން އޭނާއާއެކު މަސައްކަތްކުރަން ބޭނުންވާނެ އެވެ. ނަމަވެސް ވިވެކްގެ ޖެހިޖެހިގެން ނުވަ ވަރަކަށް ފިލްމު ފްލޮޕްވުމުން އޭނާއަށް ފިލްމު ދޭން މީހުން ޖެހިލުންވީ ކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން ގަބޫލުކުރެ އެވެ.