30 ޖޫން 2016 - 12:15

ސިޔާސީ މަސްރަހު ފިނިކުރަން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޝްވަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ އަންނަ މަހު ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ފަށާނެ ކަމަށެވެ. އެކަން ކުރިއަށް ގެންދާނީ ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް އދ. އިން ކަނޑައެޅި މަންދޫބާ އެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިން ކުރިއަށް ގެންދެވުނު މަޝްވަރާ މިއީ. ޔޫއެންގެ މަންދޫބު ވަޑައިގެން އެކަން އަލުން ފަށައިގަނެވޭނެ،" ޝައިނީ ވިދާޅުވި އެވެ.
ޕާޓީތަކުގެ މަޝްވަރާގައި އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން ބައިވެރިއެއް ނުވެ އެވެ. މަޝްވަރާގައި ބައިވެރިވާން އެ ދެ ޕާޓީގެ ޝަރުތަކަށްވީ، 13 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް މިނިވަން ކުރުމެވެ.
ޝައިނީ ވިދާޅުވީ މަޝްވަރާތައް އަލުން ފަށާއިރު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި މި މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.