ފިރިހެން ދަރިފުޅަކީ އަހަރެން ކަހަލަ މީހަކަށް ނުވޭތޯ ދުއާ ކުރަން: ސަންޖޭ ދަތު
ފިރިހެން ދަރިފުޅަކީ އަހަރެން ކަހަލަ މީހަކަށް ނުވޭތޯ ދުއާ ކުރަން: ސަންޖޭ ދަތު

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އެކަމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ މީހެކެވެ. އަދި އޭގެ ފަހުން، މަނާ ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެ ގިނަ ދުވަސްތަކެއް ޖަލުގައި ވެސް ހޭދަކުރަން ޖެހުނެވެ.

އިންޑިއާ ޓުޑޭ އަށް ސަންޖޭ ދަތު ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާގެ ފިރިހެން ދަރިފުޅަކީ އޭނާ ކަހަލަ މީހަކަށް ނުވޭތޯ އޭނާ އަބަދުވެސް ދުއާ ކުރެ އެވެ.

ކުރީގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސުނިލް ދަތު އާއި ނަރްގިސްގެ ދަރިފުޅު ސަންޖޭ ދަތު، 58، ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ރިހެބުގައި ގިނަ ދުވަސް ތަކެއް ހޭދަކޮށްފަ އެވެ.

ސަންޖޭ ދަތަކީ މިހާރު ތިން ދަރިންގެ ބައްޕަ އެކެވެ. އޭނާގެ ފުރަތަމަ އަނބިމީހާ ރިޗާ ޝަރުމާ އަށް ލިބިފައިވާ އަންހެން ދަރިފުޅު ޓްރިޝާލާ މިހާރު ބޮޑުވެފައި ހުއްޓަސް ތިން ވަނަ އަށް ކައިވެނިކުރި އަދި މިހާރުގެ ވެސް އަނބިމީހާ މަންނީތާ އަށް ލިބިފައިވާ އެއްމާބަނޑު ދެބެން ކަމަށްވާ އިގްރާ އާއި ޝާހްރާން އަދި ވަރަށް ކުޑަ އެވެ.

އޭނާ ބުނި ގޮތުގައި ދަރިންނަށް މިހާރު ވެސް ހެޔޮނުބައި ވަކިކޮށްދީ ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރެ އެވެ. އަދި ނޯކަރުން ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ކަމޭ ހިތުމަށް އެ ކުދިންނަށް އޭނާ ވަރަށް ބާރު އަޅަ އެވެ.

"އަަހަރެންގެ އަބަދުވެސް ވެސް ދުއާ އަކީ ފިރިހެންދަރިފުޅު ޝާހްރާން އަކީ އަހަރެން ކަހަލަ މީހަކަށް ނުވުން. ސަބަބަކީ އަހަރެން އުޅުނު ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އަހަރެންގެ ބައްޕަ ކުރި ހިތާމަ އާއި ވީ ދެރަ ފެނިފައި ވާތީ. އަހަރެން ބޭނުމެއް ނޫން ދަރިފުޅާ ހެދި އަހަރެން އެފަދަ ބޮޑު ހިތާމައެއް ކުރާކަށް،" ސަންޖޭ ދަތު ބުންޏެވެ.

ސަންޖޭ ދަތު ބުނި ގޮތުގައި އޭނާ މަސްތުވާތަކެތީގެ ޝިކާރައަކަށްވީ ކޮލެޖުގައި އުޅުނު ދުވަސްވަރު އެވެ. އަދި އެކަމުން ސަލާމަތްވާން 10 ވަރަކަށް އަހަރު ނެގި ކަމަށް އޭނާ ބުންޏެވެ.

މަނާ ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ ޖަލަށް ލުމުން ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ޖަލުގައި ހޭދަކުރުމަށް ފަހު ސަންޖޭ ދަތު މިހާރު ވަނީ މިނިވަން ވެފަ އެވެ. އަދި އޭނާ ފިލްމީ ދުނިޔެއަށް އެނބުރި އައުން ފާހަގަކުރާ "ބޫމީ" ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.