19 ސެޕްޓެމްބަރ 2017 - 12:27

ރޮސެއައު (ސެޕްޓެމްބަރު 19) - ކެރީބިއަންގައި އުފެދުނު ތޫފާން މަރީއާ ކެޓަގަރީ 5 ގެ ތޫފާނަކަށް ބަދަލުވެ ޑޮމިނިކާގެ ޖަޒީރާތަކަށް އަރާ މުޅިން އެ ތަން ސުންނާފަތިކޮށްލައިފި އެވެ.
ޑޮމިނިކާގެ ބޮޑު ވަޒީރު ރޫޒްވެލްޓް ސްކެރިޓް ވިދާޅުވީ ގައުމެއް ނެތް ކަމަށާއި ގައުމުގެ ހުރިހާ އަގު ބޮޑު އެއްޗެހި ނެތި ހިނގައްޖެ ކަމަށެވެ. ބޮޑު ވަޒީރު ވަނީ ތޫފާންގައި އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގެ ފުރާޅު އެއްލާލާ މަންޒަރު ފޭސްބުކް އިން ލައިވްކޮށްފަ އެވެ.
"އަޅުގަނޑުގެ މިހާރުގެ ހުރިހާ ވެސް ފޯކަސް އަކީ ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުން. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުން. ބައިނަލްއަގުވާމީ އެހީ މި ވަގުތު ވަނީ ބޭނުންވެފައި،" ބޮޑު ވަޒީރު ވިދާޅުވި އެވެ.
އެންމެ ބާރުގަދަ ކެޓަގަރީ އަށް މިހާރު ބަދަލުވެފައިވާ ތޫފާން މަރީއާ ވެސް ދަތުރަމުން ދަނީ މި މަހު ކުރީކޮޅު ކެރީބިއަންގެ ގައުމުތައް ތަޅާލި ބާރުގަދަ ތޫފާން އިރްމާ ވެސް ދަތުރުކުރި މިސްރާބުންނެވެ. ޑޮމިނިކާ އަށް އެރި އިރު ތޫފާން މަރީއާގައި ވައި ޖެހުމުން ދިޔައީ ގަޑިއަކު 250 ކިލޯ މީޓަރު (155 މޭލު) ގެ ބާރު މިނުގަ އެވެ. މޫސުން ލަފާ ކުރާ ފަރާތްތަކުން ބުނަނީ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ޕުއެޓޯ ރިކޯ އަދި ވާޖިން އައިލެންޑްސްއާ ދިމާލަށް ކަމަށެވެ.
އިނގިރޭސި ސަރުކާރުން ބުނީ ކެރީބިއަން ސަރަހައްދުގައި 1،300 ސިފައިން މިހާރު ތިބޭނެ ކަމަށާއި ބްރިޓިޝް ވާޖިން އައިލެންޑްސް އަށް ސިފައިންގެ އިތުރު ޓީމުތަށް ފޮނުވާނެ ކަމަށެވެ. ތޫފާން އިރްމާގައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ގިނަ ތަންތަން ބިމާ ހަމަކޮށްލައިފަ އެވެ.