19 ސެޕްޓެމްބަރ 2017 - 11:30

ބޫޓާންގެ ތިމްޕޫ ސިޓީގައި އިއްޔެ ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު 1-0 އިން ބޫޓާން އަތުން ބަލިވެއްޖެ އެވެ.
ސަރަހައްދީ މުބާރާތްތަކުގައި މީގެ ކުރިން ބޫޓާނަށް ރާއްޖޭގެ މައްޗަށް ކުރިހޯދިފައެއް ނުވެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ބޫޓާނުން އަންނަނީ ފުޓްބޯޅަ ހިންގުން ހަރުދަނާކޮށް ކުރިއެރުން ހޯދަމުންނެވެ. މި ގޮތުން އެންމެ ފަހުން ސީނިއާ ގައުމީ ޓީމުގެ މެޗުތަކުގައި ވެސް ބޫޓާނުން އަންނަނީ ރާއްޖެއާ ދެމެދު އޮތް ފަރަގު ކުޑަކުރަމުންނެވެ.
އިއްޔެގެ މެޗު ފެށިގެން ފުރަތަމަ ހާފްގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކިއިރު، ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. ބޫޓާނުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 52 ވަނަ މިނިޓްގައި ކާމިޔާބުކުރީ ވަންގްޝުކް ޝެރިން އެވެ. ބޫޓާނުގެ ލަނޑަށް ފަހު ވެސް އެ ޓީމުން ރާއްޖެ އަށް ނުރައްކާ ބޮޑުކުރި އެވެ. އެހެން ނަމަވެސް އިތުރު ލަނޑެއް ނުޖެހުނެވެ.
ރާއްޖެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ މުބާރާތް ފެށުމުގެ ކުރިން ވެސް ބޫޓާނުގެ ފިނިހޫނުމިން ހުރި ގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް ދަތިތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ. އަދި އެންމެ ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ނެތުމުން މުބާރާތަށް ތައްޔާރުވުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވިކަން ވަނީ ފާހަގަކޮށްފަ އެވެ.
އިއްޔެގެ މެޗަށް ފަހު ސާންތީ ބުނީ ބައިނަލްއަގްވާމީ ތަޖުރިބާމަދު ކުޅުންތެރިންތަކެއް ގޮވައިގެން އުނދަގޫ ހާލަތެއްގައި ފުރަތަމަ ފަހަރަށް ކުޅެން ޖެހުމުން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.
"މޫސުމުގެ އުނދަގޫތަކެއް ކުޅުންތެރިންނަށް ކުރިމަތިވި. އެއީ މި ކުޅުންތެރިން ވެސް އަލަށް މިކަން ތަޖުރިބާ މިކުރަނީ. ބޫޓާނުން ދެ ވަނަ ހާފަށް ނުކުތީ ރަނގަޅު ރޭވުމަކާ އެކު އެކަން އެ ޓީމުން ކާމިޔާބުކުރި،" ސާންތީ ބުންޏެވެ.
ބޫޓާނުގެ ކޯޗު ސޮން ޖުން ލީ ބުނީ މިއީ ބުޓާން ފުޓްބޯޅަ އަށް ސަރަހައްދީ ފެންވަރުގައި ލިބުނު ބޮޑު މޮޅެއް ކަމަށާއި އެ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އުއްމީދު އާވެގެންދާނެ ނަތީޖާއެއް ކަމަށެވެ.
އިއްޔެ ކުޅުނު އަނެއް މެޗުން މުބާރާތުގެ ފޭވަރިޓް އިންޑިއާ އަތުން ބަންގްލަދޭޝް ވަނީ ފަހަތުން އަރައި 4-3 އިން މޮޅުވެފަ އެވެ. މިއި ބަންގްލަދޭޝް ފުޓްބޯޅަ ތާރީހުގައި އިންޑިއާ އަތުން އެ ޓީމަށް އެއްވެސް އުމުރުފުރާއެއްގައި ލިބުނު އެންމެ ބޮޑު މޮޅެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ސްރީލަންކާ މުބާރާތުން ވަކިވުމުން މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ފަސް ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ.